20 May 2015, 12:40
އޭޑީކޭ ހޮސްޕިޓަލުގެ އާ އިމާރާތުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ޖައުސާ ކޮންސްޓްރަކްޝަން ޕްރައިވޭޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ. ޖައުސާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖިލްވާޒް ޖައުފަރެވެ.
ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އައްފާލް ވިދާޅުވީ އެ އިމާރާތް ހުންނާނީ އޭޑީކޭ ހޮސްޕިޓަލަށް ވެހިކަލް ވަންނަ ދޮރާށީގެ ހުޅަނގު ފަރާތުގައި ކަމަށެވެ. އެ މަސައްކަތް ޖައުސާ ކޮންސްޓްރަކްޝަނާ ހަވާލުކުރީ އިތުރު 80 އެނދު އިތުރުކުރުމުގެ އަމާޒާ އެކުގައި ކަމަށް އައްފާލް ވިދާޅުވި އެވެ.
"އާންމުކޮށް އެޑްމިޓްވާ ފަރާތްތައް ބޭނުންވަނީ ވޯޑްގައި އެޑްމިޓްވާން. ނަމަވެސް އެ ފަރާތްތަކަށް ދަތިކަން ދިމާވޭ ޖާގައިގެ ދަތިކަން ވޯޑްތަކުގައި ވަރަށް އެބަހުރި. އެހެންވީމަ މި ޕްރޮޖެކްޓާއެކު ޖާގައިގެ ދަތިކަމަށް އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ލުއިކަމެއް ލިބިގެންދާނެ،" އައްފާލް ވިދާޅުވި އެވެ.
އައްފާލް އިތުރަށް ވިދާޅުވީ އާ އިމާރާތުގައި ހުންނަ ވޯޑްތަކަކީ ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ހުންނަ ވޯޑަށްވުރެ އެތައް ގޮތަކުން ފުރިހަމަ ވޯޑްތަކެއް ކަމަށެވެ. އެގޮތުން ކުޑަދޮރު ތަކުގައި ވެސް ހަމައެކަނި ފޮތިކޮޅެއް ދަމާލުމުގެ ބަދަލުގައި "ބަލިމީހުންގެ ޕްރައިވެސީ" އިތުރަށް ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށާއި އިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމާލާ އިރު ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.