20 May 2015, 12:06
މިމަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ބާރުސްޕީޑުގައި ޕިކަޕެއްގައި ގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލި މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ހިޝާމް ވަޖީހު ވިދާޅުވީ އޭނާގެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.
ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ސ. ހިތަދޫ އަލިމަސްގޭ ބާސިތު އިބްރާހީމްގެ މައްޗަށެވެ. އޭނާއަކީ އެމްޑީޕީގެ މެމްބަރެކެވެ.
މިމަހުގެ އެއްވަނަ ދުވަހުގެ ރޭ މަސްމާރުކޭޓު ކުރިމަތީގައި އެމްއެމްއޭ ސަރަހައްދަށް މުޒާހަރާގެ ބައިވެރިންނަށް ނުދެވޭގޮތަށް ފުލުހުން އެސަރަހައްދު ބަންދުކޮށްގެން ތިއްބައި، މުޒާހަރާގެ ބައިވެރިންގެ އިރުޝާދުގެ މަތިން ބާސިތު ވަނީ ބާރު ސްޕީޑުގައި ގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ޖުމްހޫރީ މައިދާނާ ހަމައަށް ޕިކަޕްގައި ގޮސްފައެވެ.