ޔޫތު މިނިސްޓަރު ކަމުގެ މަގާމްގައި ހުންނެވި މުހައްމަދު މަލީހް ޖަމާލް އެ މަގާމުން ވަކިކުރައްވައި ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރަށް އެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ހެލްތު މިނިސްޓަރަކަށް އައްޔަންކޮށްފައި ވަނީ އިރުތިޝާމް އާދަމެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ މަލީހު ސަރުކާރުން ވަކި ކުރެއްވީ ކަމަށާއި އޭނާ އަށް ވަކި މަގާމެއް ދެއްވާފައި ނުވާ ކަމަށެވެ.

ޒުހޫރަށް މި ސަރުކާރުގައި ދެއްވި ފުރަތަމަ މަގާމަކީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމެވެ. ޒުހޫރު ހެލްތް މިނިސްޓަރަކަށް ބަދަލު ކުރެއްވީ މީގެ ދެ މަސް ކުރިންނެވެ.

ހެލްތު މިނިސްޓަރުގެ މަގާމް ދެއްވާފައިވާ އިރުތިޝާމް މީގެ ކުރިން ހުންނެވީ ޖެންޑާ މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީ މީގެ ކުރިން ސްވިޒަލަންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެ އިން ކަނޑައަޅާ މަންދޫބު ކަން ކުރައްވާފަ އެވެ. އަދި އިރްތިޝާމް އާދަމަކީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް ހުންނަ ދިވެހިރާއްޖޭގެ ސަފީރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.