ކޮރެއާގެ ޓްރޭނިންގ ކޭމްޕަކީ ޓީމްގެ ހާލަތު ބަދަލުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ގައުމީ ޓީމްގެ ކޮޗް ވެލިޒާ ޕޮޕޯވް ބުނެފިއެވެ.

ރޭ ގައުމީ ޓީމް ކޮރެއާއަށް ފުރުމުގެ ކުރިން އެއްނަންބަރު ފާލަން ކައިރީގައި ހުރެ މީޑިއާ ވާހަކަ ދައްކަމުން ޕޮޕޯވް ބުނީ ކޮލިފައިންގެ ފުރަތަމަ ދެ މެޗުން ރަނގަޅު ކާމިޔާބެއް ހޯދޭ ވަރަށް ވުރެ ޓީމްގެ ކުޅުންތެރިންގެ ފިޓްނަސް އަދި ފިޒިކަލީ ވެސް ދަށް ކަމަށާއި ކޮރެއާ ޓްރޭނިންގ ކޭމްޕުން މިކަންކަން ރަނގަޅު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ.

ޕޮޕޯވް ބުނީ ކޮރެއާ ޓްރޭނިންގ ފަށާނީ އެންމެ އަސާސީ ހިސާބުން ކަމަށާއި އެއަށްފަހު ކޮރެއާގެ ދެ ވަނަ ޑިވިޝަން ކްލަބާއެކު ރަނގަޅު މެޗެއް ކުޅެ ކުޅުންތެރިންގެ ފެންވަރު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަންނަކަށް މުހިންމެއް ނޫން އެމެޗްގެ ނަތީޖާއެއް. އެއީ ޕްރެކްޓިސް ސެޝަންތަކަށްފަހު ކުޅުންތެރިންގެ ފެންވަރު ދެނެގަތުމަށް ކުޅޭ މެޗެއް،" ކޮރެއާގެ ދެވަނަ ޑިވިޝަންގެ ޓީމާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ޕޮޕޯވް ބުންޏެވެ.

ކޮރެއާ ކޭމްޕް ނިންމާލުމަށްފަހު ގައުމީ ޓީމް މާލެ އަންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި އަންނަ މަހު 11 ވަނަ ދުވަހު ރާއްޖޭގެ ޓިމް ގަތަރާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައެވެ.

އޭގެ ހަ ދުވަސް ފަހުން ދެވަނަ މެޗުގައި 16 ވަނަ ދުވަހު ވޯލްޑްކަޕް ކޮލިފައިން މެޗެއް އޮންނާނީ ހޮންކޮންގގެ މޮންގްކޮކް ސްޓޭޑިއަމްގައެވެ.