ޓްވިޓާ އެކައުންޓަކަށް އެއް މިލިއަން ފޮލޯވާސް އެންމެ އަވަހަށް ހޯދައިގެން ދުނިޔޭގެ ރެކޯޑު ފޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޖާގަ ހޯދައިފި އެވެ.

އޮބާމާ ވަނީ އޭނާގެ އާ ޓްވިޓާ އެކައުންޓް ޕޯޓަސް އަށް ފަސްގަޑި އިރުގެ ތެރޭގައި އެއް މިލިއަން ފޮލޯވާސް ހޯދާފައި ކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތަށް ބުނެ އެވެ. ދުނިޔޭގެ ރިކޯޑުތައް އާންމުކުރާ ރަސްމީ ވެބްސައިޓްގައި ބުނެފައި ވަނީ އެމެރިކާގެ ރައީސް އޮބާމާ ވަނީ ސޯޝަލް ނެޓްވޯކުން ދުނިޔޭގެ ރެކޯޑެއް ހަދާފައި ކަމަށާއި، ވެރިފައި ކުރުމަށްފަހު ވަރަށް އަވަހަށް ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށެވެ.

ޓްވިޓާއިން އެންމެ އަވަހަށް އެއް މިލިއަން ފޮލޯވާސް ހޯދައިގެން އޮބާމާ ރެކޯޑު މުގުރާލާފައިވާއިރު މީގެ ކުރިން އެ ރިކޯޑު ހިފަހައްޓާފައި ވަނީ ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ރޮބްޓް ޑައުނޭ އެވެ. އޭނެ އެ ރެކޯޑު މީގެ ކުރިން މުގުރާލާފައި ވަނީ 23 ގަޑިއިރާއި 22 މިނިޓުން އެއް މިލިއަން ފޮލޯވާސް ހޯދައިގެން މިދިއަ އަހަރު އެވެ.

އޮބާމާ މީގެ ކުރިން ވެސް ބަރަކްއޮބާމާގެ ނަމުގައި ޓްވިޓާ އެކައުންޓެއް ދިޔައީ ބޭނުން ކުރަމުންނެވެ. ނަމަވެސް އެ އަކައުންޓް ހިންގަމުން އަންނަނީ ދެ ވަނަ ރިޔާސީ އިންތިހާބުގައި އޮބާމާގެ ކެމްޕެއިން ޓީމުންނެވެ. ހޯމަ ދުވަހު އަލަށް އޮބާމާ ހުޅުވި ޓްވިޓާ އެކައުންޓުން ފުރަތަމަ ކުރި ޓްވީޓުގައި ބުނެފައި ވަނީ އެއީ ބަރަކް ކަމަށާއި ހަ އަހަރު ފަހުން އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓެއް ލިބިފައިވާ ކަމަށެވެ.

އޮބާމާގެ އާ ޓްވިޓާ އެކައުންޓުގައި އޭނާގެ ތަފްސީލު ލިޔެފައި ވަނީ، ބައްޕައެއް ފިރިއެއް އަދި އެމެރިކާގެ 44 ވަނަ ރައީސްގެ ގޮތުގަ އެވެ.

ވައިޓް ހައުސްއިން ވަނީ "ޕޮޓުސް" އެ އެކައުންޓަކީ އޮބާމާގެ ރަސްމީ ޓްވިޓަރ އެކައުންޓްކަން ހާމަކޮށްފަ އެވެ. ވައިޓް ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ އޮފް އިންޓާނެޓް ސްޓްރެޓެޖީ އެލެކްސްވޯލް ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސްގެ އާ ޓްވިޓާ އެކައުންޓް 2016 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރާ ރައީސަކަށް ބަދަލުވާނެ ކަމަށެވެ. އަދި އާ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އެމެރިކާގެ ރައްޔިތުންނާ ވާހަކަދައްކާނީ ސީދާ އޮބާމާ ކަމަށް ވެސް އެލެކްސް ވަނީ ވިދާޅުވެފަ އެވެ.

އޮބާމާގެ އާ ޓްވިޓާރ އެކައުންޓަށް މަރުހަބާ ދަންނަވައި އެ ގައުމުގެ ކުރީގެ ރައީސް އަދި 2016 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނުކުރައްވާފައި ވާ ހިލަރީ ކްލިންޓަންގެ ފިރިކަލުން ބިލްކްލިންޓަން ކުރެއްވި ޓްވީޓެއްގައި ވަނީ ޓްވިޓާ އެކައުންޓްގެ ނަމާއި ބެހޭ ގޮތުން ސުވާލެއް ކުރައްވާފަ އެވެ. ބިލް ކްލިންޓަންގެ ސުވާލަށް ޓްވީޓުން ރިޕްލައި ކުރައްވާ އޮބާމާވެސް ކުރެއްވީ ޓްވީޓެކެވެ.

ޕްލޮޓުސް އަކީ "ޕްރެސިޑެންޓް އޮފް ޔުނައިޓެދް ސްޓޭޓް" އެވެ. އަދި އޮބާމާގެ އަނބިކަނބަލުން މިޝަލް އޮބާމާގެ ޓްވިޓާ ޔޫސާ ނޭމް ފްލޮޓުސް އަކީ "ފަސްޓް ލޭޑީ އޮފް ޔުނައިޓެޑް ސްޓޭޓް" އެވެ.

އޮބާމާގެ އާ ޓްވިޓަރ އެކައުންޓް ފޮލޯކުރިމީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަން އަދި ޖޯޖް ބުޝް ވެސް ހިމެނެ އެވެ.