ބްރަޒީލިޔާ (މޭ 20) : ޗައިނާ އާއި ބްރަޒީލުން 53 ބިލިޔަން ޑޮލަރުގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުންތަކުގައި ދެގައުމުން ސޮއިކުރީ ޗައިނާގެ ބޮޑުވަޒީރު ލީކޭޖިޔާންގް ބްރަޒީލް އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ. މި 53 ބިލިޔަން ޑޮލަރުގެ އެއްބަސްވުންތަކުގެ ތެރޭގައި ބްރަޒީލްގައި އުފައްދާ ފަސިންޖަރު މަތިންދާބޯޓު ޗައިނާއިން ގަތުމާއި ގަތުމާއި ޗައިނާއިން ކުރިން މަނާކޮށްފައިވާ ބްރަޒީލްގެ ގެރިމަސް އަލުން ގަންނަން ފެށުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.

މީގެ އިތުރުން ބްރަޒީލްގެ ބައެއް ސަރަހައްދުތަކުގައި ޗައިނާގެ ކުންފުނިތަކުން ޒަމާނީ ރޭލްވޭތައް ބިނާކޮށްދިނުމާއި ޗައިނާގެ ސިނާއީ އުފެއްދުންތައް ބްރަޒީލުން ގަތުމުގެ އެއްބަސްވުންތަކާއި ދެގައުމު ގުޅިގެން އިއާދަކުރަނިވި ހަކަތަ ތަރައްގީ ކުރުމުގެ އެއްބަސްވުންތައް ވެސް މި 53 ބިލިޔަން ޑޮލަރުގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެެނެ އެވެ.

ޗައިނާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިރު ބްރަޒީލް އަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ދެގައުމަކީ ވެސް އިގްތިސާދު ފުޅާކުރުމަށް ނުހަނު ބޭނުންވެފައިވާ އަދި ދުނިޔޭގެ ބޮޑެތި ސިނާއީ ގައުމުތަކުގެ ލިސްޓަށް އަރަން މަސައްކަތްކުރާ ދެގައުމެވެ. އެހެންގައުމުތަކުގައި އިންވެސްޓްކޮށް އިގްތިސާދު އިތުރަށް ފުޅާކޮށްގެން ނޫނީ މިމަގްސަދު ޙާސިލް ނުކުރެވޭނެ ކަމަށް މި ދެގައުމުން ވެސް ދެކެ އެވެ.

ފަންސާސް ތިން ބިލިޔަން ޑޮލަރުގެ މިއެއްބަސްވުންތަކުގެ ސަބަބުން ކުރިޔަށްއޮތް އަހަރުތަކުގައި އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ފައިދާ މިދެގައުމުގެ ކުންފުނިތަކަށް ލިބިގެންދާނެ ކަމަށް ބެލެވިފައިވާ އިރު މިއީ އިގްތިސާދު ކުރިއަރުވައި ފުޅާކުރުމަށް އޮތް އެންމެ ރަނގަނޅު ގޮތް ކަމަށް މިދެގައުމުން ދެކެ އެވެ. މިއެއްބަސްވުންތަކުގެ ދަށުން ބްރަޒީލްގައި 2800 ކިލޯ މީޓަރުގެ ސަރަހައްދެއްގައި އިލެކްޓްރިކް ކަރަންޓް ނެޓްވާކް ގާއިމް ކުރުމުގެ ފުރްސަތު ޗައިނާގެ ސްޓޭޓް ގްރީޑް ގްރޫޕް ކުންފުންޏަށް ލިބި އެއިން އެތަށް ބިލިޔަން ޑޮލަރުގެ ފައިދާއެއް އެކުންފުންޏަށް ލިބޭނެ ކަމަށް ބެލެވިފައިވާއިރު ބްރަޒީލްގައި އުފައްދާ ފަސިންޖަރު މަތިންދާބޯޓު ޗައިނާއިން ގަތުމުގެ އެއްބަސްވުމުގެ ސަބަބުން ބްރަޒީލްގެ މަތިންދާބޯޓު އުފައްދާ ކުންފުންޏަށް ބޮޑު ފައިދާއެއް ހާސިލް ކުރެވޭނެ އެވެ.

ފަންސާސް ތިން ބިލިޔަން ޑޮލަރުގެ މިއެއްބަސްވުންތަކުގައި ސޮއިކުރުމަށް ބްރަޒީލިޔާގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ބޮޑުވަޒީރު ލީކޭޖިޔާންގް އާއި ބްރަޒީލްގެ ރައީސާ ދިލްމާ ރޮސޭފް ޙާޒިރުވެ ވަޑައިގެންނެވި އެވެ. މިއިންވެސްޓްމަންޓްތައް ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާގެ ބޮޑުބައެއް ލޯންގެ ގޮތުގައި ފޯރުކޮށްދޭނީ ދުނިޔޭގެ އެންމެ ބޮޑެތި ބޭންކްތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ސިނާއީ އަދި ވިޔަފާރިއާބެހޭ ބޭންކުން ކަމަށް ޚަބަރުލިބެ އެވެ. (ރޮއިޓާސް)