މާލެ- ހުޅުލޭ ބުރިޖު އެޅުމުގެ ޕްރޮޖެކްޓްގެ ސަބަބުން ރާޅާ އެޅުން ފަދަ ރިކްރިއޭޝަން މަސައްކަތްތަކަށް ހުރަހެއް ކުރިމަތި ނުވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ ބުރިޖުގެ ސަބަބުން ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ރާޅާ އަޅާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާނެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއަދު ބޯހޯލް އެޅުމުގެ ހަފްލާ ކުރިއަށް ދިޔަ ވަގުތު ރާޅާ އަޅާ ބަޔަކު ވަނީ ލިޔުންތަކެއް ހިފައިގެން އެއްވެފަ އެވެ.

މާލެ- ހުޅުލޭ ބުރިޖު އެޅުމަށް ޑިޒައިން ކުރުމުގެ ގޮތުން ބޯހޯލް ތޮރުފުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާޅާއެޅުން ފަދަ "ރިކުރިއޭޝަން" މަސައްކަތް ކުރާ ޒުވާނުންނަށް އެހެން ގޮތަކަށް ބުރިޖު ސިފަކޮށްދިނުމަށް ބޮޑު ކެމްޕެއިނެއް އިދިކޮޅު ފަރާތްތަކުންކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓުގެ ސަބަބުން ރިކުރިއޭޝަން މަސައްކަތްތަކަށް އެއްވެސް އުނދަގުލެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު މަޝްވަރާއަކަށްވީ ޗައިނާގެ ޓެކްނިކަލް ޓީމާ އެކު ކުރި މަޝްވަރާތަކުގައި ވެސް އެންމެ ބޮޑު އަމާޒަކަށްވީ މިހިސާބުގައި ރާޅާ އަޅާ ކުދިންނަށް އެއްވެސް އުނދަގުލެއް ނެތި މި މަސައްކަތް ނިންމާލުން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ބުރިޖު އެޅުމާ އެކު އާންމު ރައްޔިތުންނަށް ވާނެ ފަސައިގެ އިތުރުން ޓޫރިސްޓުންގެ ސަމާލުކަން އެކަމަށް ލިބި މާލެ އާއި މާލެ ސަރަހައްދަށް އަންނަ ޓޫރިސްޓުން އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސާދު ވަރަށް އުނދަގޫ ހާލެއްގައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އިގްތިސާދު ހަމަމަގަށް އަޅުވައިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ އެގޮތުން މިދިޔަ އަހަރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު 2.6 ބިލިއަން ޑޮލަރު (40 ބިލިއަން ރުފިޔާ) ގައުމުގެ އިގްތިސާދަށް ވަނީ ހަރަދުކޮށްފައި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ހުޅުލެ-މާލެ ބްރިޖް ގުޅުވާނީ ހުޅުލޭ ދެކުނު ފަރާތުން ރަންވޭ ކޮޅުން ފެށިގެން މާލޭ އިރު ދެކުނު ފަރާތު ސުނާމީ ބިނާ ސަރަހައްދަށެވެ.