ތަށީގެ ގޮތުން ނާކާމިޔާބުވި މިސީޒަންގައި ކުރިމަތިވި މައްސަލަތަކުން އަރައިގަނެ، ޔޫއެފްއާ ޗެމްޕިއަންސް ލިގު 11 ވަނަ ފަހަރަށް ހޯދުމަށް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރާނެ ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފޮލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބެރުނަބިއު ސްޓޭޑިއަމްގައި ރެއާލްގެ ރަސްމީ މޯބައިލް އެޕްލިކޭޝަން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން ޕެރޭޒް ވިދާޅުވީ ރެއާލްގެ ސަޕޯޓަރުން ހިތްހަމަޖައްސައި ދޭނެ ކަމަށާއި މި ސީޒަންގައި ދިމާވި މައްސަލަތަކުން އަރައިގަތުމަށްޓަކައި މި ސީޒަންގައި ރެއާލްގެ ބާސްކެޓް ޓީމް ހޯދި ކާމިޔާބުން ރެއާލްގެ މިސާލު ލިބިގަންނާނެ ކަމަށެވެ.

ރެއާލް މެޑްރިޑްގެ ބާސްކެޓް ޓީމުން ވަނީ މިސީޒަންގެ ޔޫރޯ ލީގު ނުވަ ވަނަ ފަހަރަށް ކާމިޔަބު ކޮށްފައެވެ.

"ހަމަ ޔަޤީނުން ވެސް އަޅުގަނޑު ބޭނުން އަލުން ރެއާލްގެ ސަޕޯޓަރުން އުފާ ފާޅުކުރާ މަންޒަރު ދެކެން. ރެއާލް މެޑްރިޑް ފަހަތަކަށް ނުޖެހޭނެ. އަދި ރެއާލްގެ ސަޕޯޓަރުން ވެސް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން ބުރަކޮށް މަސައްކަތް ކުރާނަން 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގް ތަށި ރެއާލްއަށް ގެނައުމަށް،" ޕިރޭޒް ވިދާޅުވި އެވެ.

ޕިރޭޒް ވިދާޅުވީ ރެއާލް މެޑްރިޑް އޮތީ އެކުވެރިކޮށް ކަމަށާއި މުޅި ރެއާލް މެޑްރިޑް އޮތީ އެކަކު އަނެކަށް އިހްތިރާމް ކުރުމާއި ރަނގަޅު ޕްރިންސިޕަލްސްގެ މަތީގައި ހިފެހެއްޓިފައި ކަމަށެވެ.