ކުރުނބާ މޯލްޑިވްސް އިން: މުހައްމަދު ނާސިހް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ފަރާތުން ބާއްވާ މޯލްޑިސް ފައިނޭންސް ފޯރަމް 2015 ކުރުނބާ މޯލްޑިވްސްގައި މިއަދު ފަށައިފި އެވެ.

މި ފޯރަމް ހުޅުވުމުގެ ގޮތުން ވާހަކަ ދެއްކެވީ ޕެންޝަން ބޯޑުގެ ޗެއާޕާސަން އާތިފާ އަލީ އެވެ.

މި ފޯރަމްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމާއި ޕެންޝަން ފަންޑް އެކަށީގެންވާ ގޮތުގައި ބޭނުންކުރުން ހިމެނޭ ކަމަށް އާތިފާ ވިދާޅުވި އެވެ. އަދި މިހާރު ޕެންޝަނާ ބެހޭ ގޮތުންނާއި މާލީ ދާއިރާ އާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ރަނގަޅު ޕްލެޓް ފޯމެއް ވަނީ ގާއިމުކުރެވިފާ ކަމަށް ވެސް އާތިފާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ހައުސިން ސުކީމާއި ޑިސްއެބިލިޓީ ސްކީމެއް ތައާރަފްކުރުމަށް މަސައްކަތް ކުރަމުން." އާތިފާ ވިދާޅުވި އެވެ.

ކުރިއާ ޚިލާފަށް ޕެންޝަނަށް ފައިސާ ޖަމާކުރާ ފަރާތްތައް ދަނީ އިތުރުވަމުން ކަމަށް އާތިފާ ފާހަގަކުރެއްވި އެވެ.

މި ފޯރަމުން ބިނާކުރަނެވި ޚިޔާލާއި ވިސްނުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ފޯރަމްގައި ވޯލްޑް ބޭންކާއި ބޫޓާން ޕެންޝަން ފަންޑްގެ ބޭފުޅުން ބައިވެރިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ މާލީ އިދާރާތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި ސީއެމްޑީއޭގެ އިތުރުން ފިނޭންސް މިނިސްޓްރީ އަދި ބޭންކްތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

މި ފޯރަމްގައި ވޯލްޑް ބޭންކުން ރާއްޖޭގެ ޕެންޝަން ފަންޑާ ބެހޭ ގޮތުން އެ ބޭންކުގެ ތަޖުރިބާ ހިއްސާ ކުރާނެ އެވެ. ރާއްޖޭގެ ޕެންޝަން ސުކީމް ހިންގަމުންދަނީ ވޯލްޑް ބޭންކްގެ ފަންނީ އެހީތެރިކަމާއި އެކުގަ އެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރޭގައި ވޯލްޑް ބޭންކުގެ އިކޮނަމިސްޓަކާއި މިނިސްޓްރީ ފައިނޭންސްގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނައްވަރާއި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމާއި ޕެންޝަން އޮފީހުގެ ސީއީއޯ އާއި މުހައްމަދު ހުސައިން މަނިކު އާއި ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރާއި ބޫޓާންގެ ޕެންޝަން ފަންޑުގެ ތަޖުރިބާކާރެއް ހިމެނެ އެވެ.

މި ފޯރަމްގައި އޮންނަ ޕެނަލް ޑިސްކަޝަނެއްގައި ރާއްޖޭގައި ބޮންޑް މާކެޓެއް ތަރައްގީ ކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެވޭނެ އެވެ.

މިއީ ޕެންޝަން އޮފީހުން މި ފޯރަމް ބާއްވާ ހަތަރު ވަނަ އަހަރެވެ. ރާއްޖޭގެ ޕެންޝަން ފަންޑްގައި މިހާރު 3.5 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ އެބަހުރި ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.