20 May 2015, 10:09
ގާނޫނާ ހިލާފުވާ ފަރާތްތައް ކަސްތޮޅު އަޅުވާފައި ވެސް ތަރައްގީ އާއިގެން ކުރިއަށްދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މާލެ- ހުޅުލޭ ބުރިޖު އެޅުމަށް ޑިޒައިން ކުރުމުގެ ގޮތުން ބޯހޯލް ތޮރުފުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ތަރައްގީ އާއި މިސަރުކާރުގެ ވައުދުތަކާ ދޭތެރެއަށް ނުވަނުމަށް އިދިކޮޅު ފަރާތްތަކަށް ދަންނަވާ ކަމަށާއި ގާނޫނާ ހިލާފްވާ ފަރާތްތައް ކަސްތޮޅު އަޅުވާފައި ވެސް މިސަރުކާރު ދާނީ ތަރައްގީއާއިގެން ކުރިއަށް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ތަރައްގީގެ މިފަދަ ޕްރޮޖެކްޓްތަކާއި އަޅުގަނޑުމެންގެ ވައުދުތަކާއި މިދޭތެރެއަށް ފައްތަރު ނުވައްޗޭ އިދިކޮޅު ފަރާތްތަކަށް. ގާނޫނާ ދެކޮޅަށް ނުކުންނަ ކޮންމެ ބޭފުޅަކު އަޅުގަނޑުމެންނަށް މަޖުބޫރުވޭ އިރާދަ ކުރެއްވިއްޔާ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅައި ރޯދަމަހަށް ޝައިތާނާ ކަސްތޮޅު އެޅުވޭ ގޮތަށް ގާނޫނާ ހިލާފުވާ ބޭފުޅުން ކަސްތޮޅު އަޅުވާފައި ވެސް އަޅުގަނޑުމެންގެ ގައުމުގެ ތަރައްގީއާއިން ކުރިއަށްދާން،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫތަކަކީ އަނިޔާވެރިކަންތޯ ސުވާލު އުފައްދައި އަދީބް ވިދާޅުވީ ބުރިޖުގެ މަސައްކަތް ފެށޭ އިރު ހުޅުމާލޭ ދެވަނަ ފޭސް ހިއްކައި ނިންމާލެވިފައިވާ ކަމަށެވެ. މިސަރުކާރަށް އޮތީ ފަސް އަހަރު ކަމަށާއި ފަސް އަހަރު ތެރޭވީ ވައުދުތައް ދަނީ ފުއްދަމުން ކަމަށް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވައުދުތައް މިދަނީ ފަޓާސް ބަރިއެއްހެން ނުވަތަ ހަވާ އަރުވާ ގޮތަށް ފަހަރަކު ވައުދެއް ނިންމައި ފުރިހަމަ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މޭޑޭގައި ސަރުކާރު ހަމަމަގަށް ގެންނާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށް މިހާރު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އެމުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު މިވަގުތު ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.