20 May 2015, 09:33
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގައި ޓުއަރިސްޓް ޕޮލިސް ޔުނިޓްގެ ހެލްޕް ޑެސްކެއް ގާއިމްކޮށްފި އެވެ.
އިއްޔެ މެންދުރު އެއާޕޯޓްގެ އައިލެންޑް އޭވިއޭޝަންގެ ލޯންޖްގައި އޮތް ރަސްމިއްޔާތެއްގައި އެ ޑެސްކް ހުޅުއްވައި ދެއްވައި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭއެލްސީގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ރާއްޖެ އަންނަ ޓުއަރިސްޓުންނަށް އަމާން ވެއްޓެއް ގާއިމްކޮށްދީ، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން ޓުއަރިސްޓް ޕޮލިސް ޔުނިޓަށް ދެއްވާނެ ކަމަށެވެ.
އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްކެވި ވާހަކަފުޅުގައި އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއަރޕޯރޓްއަކީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އައިސް ފައިބާ ތަނަކަށް ވެފައި އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.
އެހެންކަމަށްވުމާއެކު ޑޮމެސްޓިކް ޓާމިނަލްގައި ގާއިމްކުރި ޓުއަރިސްޓް ޕޮލިސް ޑެސްކްއަކީ ޓޫރިސްޓުން އާއި ރައްޔިތުނަށް ހިދުމަތް ދިނުމުގެ ގޮތުން ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ހުޅުވިގެންދިޔަ ކަމެއްކަން ފާހަގަކުރައްވައި އެމްއޭސީއެލްގެ އެމްޑީ އަށާއި އެއާޕޯޓްގައި ޓުއަރިސްޓް ޕޮލިސްއާއި ގުޅިގެން މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
ހުޅުލޭގައި އޮތް މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފުންނާއި އައިލެންޑް އޭވިޝަންގެ ސީނިއަރ މުވައްޒަފުންނާއި އެމްއެންޑީއެފްގެ އަދި ފުލުހުންގެ އިސް ވެރިންނާއި ޓޫރިސް ޕޮލިސް ޔުނިޓްގެ ސީނިއާ މުއައްޒަފުން ބައިވެރިވެފައިވެ އެވެ.