20 May 2015, 09:27
ހުޅުމާލޭ ގެއަކުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިމެއި މަހުގެ 17 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން އެގެއަށް ވަދެ ގިނަ ކެމެރާއަކާއި ލެންސްތަކެއްގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް ބުނެ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވަގަށްނަގާފައިވާ ކެމެރެ އާއި ކެމެރާ ލެންސްތަކުގެ އިތުރުން މަސްވެރިކަމުގެ ބޭނުންކުރާ ސާމާނުތައް ފެނިފައި ވަނީ ހުޅުމާލޭގައި މަސައްކަތްކުރަމުންދާ ސައިޓް ތެރޭގައި ހުރި ހިލަވެލި ބަސްތާތަކެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އެތަކެތީގެ ތެރޭގައި ހިމެނެނީ ނިކޯން ޑީ 600 ކެމެރާއަކާއި ދެ ލެންސާއި ގޯޕްރޯ ކެމެރާއަކާއި މަސްބޭނުމަށް ބޭނުންކުރާ ހައި ކްލާސް ރީލަކާއި މަސްވެރިކަމުގައި ބޭނުންކުރާ ސާމާނުތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާއަކީ ރޭޕްގެ އިތުރުން މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.