19 May 2015, 22:00
ނިއުރޭޑިއަންޓްގެ ޑިފެންސްގައި މުހިންމު ދައުރެއް 2013 ވަނަ އަހަރު އަދާކުރި ނައިޖީރީއާގެ ޑިފެންޑަރ ޔަންގް ކިންގްސީލީ ޖޯން އަލުން ނިއުގެ ސްކޮޑާ ގުޅިއްޖެއެވެ.
ނިއުރޭޑިއަންޓްގެ މެނޭޖަރު އަޙްމަދު ޒަރީރު ސަން ވިދާޅުވީ ނިއުގެ ބައެއް ކުޅުންތެރިންނާއެކު ހޮނިހިރު ދުވަހު ފަށާ ޕްރެކްޓިސްގައި ކިންގްސްލީ ފަރިތަކުރުން ފަށާނެކަމަށެވެ.
ޒަރީރު ވިދާޅުވީ ޖޫން މަހު އަލުން ލީގް ފަށާއިރު ފޯވަޑެއް ގެނައުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ.
މިއަދު ނިއުގެ ޓީމާ ގުޅުނު ކިންގްސްލީއަކީ މިސީޒަންގައި ނިއުއަށް ގެނައި ހަތް ވަނަ ބިދޭސީ ކުޅުންތެރިޔާއެވެ.
އެޓީމުން ޕީޕަލްސް ކަޕަށް ފުރަތަމަ ގެނައި ތިން ކުޅުންތެރިންވަނީ ފޮނުވާލާފައެވެ.
ދެން ގެނައި ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކު ފޮނުވާލުމަށްފަހު މިހާރު އެޓީމްގައި ތިބީ އުޒްބުކިސްތާންގެ ގޯލް ކީޕަރު އަލީޝާ އަކްމެދޯވްއާއި ސޮލަވާކިއާގެ މިޑްފީލްޑާ ވިލިއަމް މެކޯއެވެ.
ކިންގްސްލީއަކީ 2013 ވަނަ އަހަރު ނިއުގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔެކެވެ.
ނަމަވެސް 2014 ވަނަ އަހަރު ނިއުގެ ޓީމަށް އޭނާއެއް ނުގެނެއެވެ. ސަބަބެއް ކަމަށް ނިއުއިން ބުނެފައިވަނީ އެޓީމަށް ކުޅޭ ދިވެހި ޑިފެންޑަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.