19 May 2015, 20:56
މަރުގެ ހުކުމްތައް ތަންފީޒުކުރުމަށްޓަކައި އިތުރު އަށް ގައްލާދުން ނުވަތަ "ޖައްލާދުން" (ގަތުލުކުރާ މީހުން) ހޯދުމަށް ސައުދީ އަރަބިއްޔާގެ ކަމާގުޅޭ އިދާރާއިން އިއުލާނުކޮށްފި އެވެ.
ސައުދީ ސިވިލް ސާވިސް ޖޮބްސް ޕޯޓަލްގައި ވާގޮތުން ޖައްލާދުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކިބައިގައި ތައުލީމީ ވަކި ފެންވަރެއް ހުންނާކަށް ނުޖެއެވެ. އެހެން ނަމަވެސް އެމީހުންގެ މަސައްކަތްތަކުގެ ތެރޭގައި މަރުގެ ހުކުމް އިއްވާފައިވާ ފަރާތްތައް ގަތުލުކުރުމުގެ އިތުރުން، ވައްކަމާއި އެނޫންވެސް އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތައް ކުރާ ފަރާތްތަކަށް ދީނުގައި ކަނޑައަޅާ އަތްކެނޑުންފަދަ ހުކުމްތައް ތަންފީޒުކުރަން ޖެހޭނެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2014 ވަނަ އަހަރު ދުނިޔޭގައި ގިނައިން މަރުގެ ހުކުމް އެންމެ ގިނައިން ތަންފީޒުކުރި ފަސް ގައުމުގެ ތެރެއިން ތިން ވަނައިގައި ސައުދީ ހިމެނެ އެވެ. އެގޮތުން އެންމެ ގިނައިން މަރުގެ ހުކުމް ތަންފީޒުކުރި ގައުމަކީ ޗައިނާއެވެ. ދެވަނައިގައި އިރާގު އޮތް އިރު ހަތަރުވަނައިގައި ހިމެނެނީ އީރާނެވެ. އަދި ފަސް ވަނައިގައި ހިމެނޭނީ އެމެރިކާއެވެ.
ސައުދީ ރަސްމީ ޕްރެސް އެޖެންސީ (އެސްޕީއޭ)ގެ ރެކޯޑުތަކުން ދައްކާގޮތުގައި އެގައުމުގައި އެންމެ ފަހުން މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެގޮތުން 2014 ވަނަ އަހަރު ޖުމުލަ 88 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވާއިރު، އާދީއްތަ ދުވަހު ތަންފީޒުކުރި މަރުގެ ހުކުމަކީ މިއަހަރު ތެރޭގައި ތަންފީޒުކުރި 85 ވަނަ މަރުގެ ހުކުމް ކަމަށް އެ އޭޖެންސީއާ ހަވާލާދީ، އެމްނެސްޓީން ބުންޏެވެ.
ސައޫދީގައި މި އަހަރުތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރި ގިނަ މީހުންނަކީ "ގާތިލުން" ކަމުގައި ވާއިރު، މަސްތުވާތަކެތީގެ މައްސަލައިގައިވެސް 38 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވެއެވެ. މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ސައުދީ ރައްޔިތުން ކަމަށްވާއިރު، ދެން ތިބި މީހުންގެ ތެރޭގައި ޕާކިސްތާން، ޔަމަން، ސީރިއާ، އުރުދުން، އިންޑިއާ، އިންޑޮނޭސިއާ، ބަރުމާ، ޗާޑް، އެރިޓްރިއާ، ފިލިޕީންސް އަދި ސޫދާންގެ ރައްޔިތުން ހިމެނެއެވެ.