19 May 2015, 19:27
އެއްގަމު އުޅަނދު ފަހަރުގައި ޓްރެފިކު ސްޓިކާ ޖެހުން ހުއްޓާލައި، ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށްދެވޭތޯ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައްލަވަމުންދާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން "ސަން" އަށް މިރޭ ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ރައީސް ޔާމީން ފައްޓަވާފައިވާ ކަމަށެވެ.
މާލޭގައި ޕާކު ކުރުމަށް އެކަށީގެންވާ ޖާގަ ނެތްއިރު މާލެއަށް ނުކަތާ ވަރަށް ވެހިކަލު ގިނަވެފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އެކަމުގައި "އެތައް ޒުވާނުން" ތަކެއް ދައުލަތަށް ދަރަނިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެތަކެއް ޒުވާނުންނެއް ބޭނުންހާތަކު ޕާކު ކޮށްފައި ސްޓިކާ ޖެހީމަ މިދަނީ ޖޫރިމަނާ ފައިސާ ހޯދަން މައިންބަފައިން ކައިރިއަށް. ނޫނީ ބޭބެއެއް ދައްތައެއް ކައިރިއަށް. އެއީ މަސައްކަތް ކުރާ ޒުވާނެއް ވެއްޖިއްޔާ ޖޫރިމަނާ ދައްކާފައި ގެއަށް ގެންދާނެ އެއްޗެއް ނޯވޭ،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ، އާންމު ރައްޔިތުންނަށް ވާ ދަތި އުނދަގޫތަކަކީ ރައީސް ޔާމީން ވަރަށް ގާތުން ބައްލަވަމުންދާ ކަންކަން ކަމަށެވެ.
"ރައީސް ޔާމީން ބައްލަވައޭ ގައުމުގެ ޒުވާނުންނާ މުސްކުޅިންނާ ދަތުރުފަތުރު ކުރާ މީހުންނާ ހުރިހާ އެންމެންގެ ހާލު ބަރާ ބަރަށް. އެމީހުންނަށް ވަނީ ކިހިނެއްތޯއާ އެމީހުންނަށް ލިބެމުންދަނީ ކޮން ދައްޗެއްތޯއާ މިކަންތައްތަކަކީ ރައީސް ވަރަށް ގާތުން ބައްލަވާ ކަންތައްތައްވީމަ، ޕީޖީ ގްރޫޕަށް ލިބޭ ރައީސްގެ އިންސްޓުރަކްޝަނެއް އެއީ. މިވެނި ކަމެއް އެވެނި ކަމެއް ބައްލަވާފައި ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެންނާ ހިއްސާ ކުރާނީ." ނިހާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށް ނިހާން މިއަދު ވިދާޅުވި އެވެ.
ޓްރެފިކް ސްޓިކާ ޖެހުން ހުއްޓާލައި ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ މައާފު ކޮށްދެވޭތޯ ރައީސް ޔާމީން ބައްލަވަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވެސް ވަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅުވައިފައެވެ.
މޫސަ ހުށަހެޅުއްވި އިސްލާހުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުން ކުރާ ޖޫރިމަނާ ބޮޑު ކުރަން ހުށަހަޅުއްވާފައި ވެއެވެ.
މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވައިގެން، ފުރަތަމަ ފަހަރަށް ހިފަހައްޓައިފި ނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރަން ޖެހެ އެވެ. ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން އެ ޖޫރިމަނާގެ އަދަދު އަރަނީ 500 ރުފިޔާ އަށެވެ. ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވައިގެން ދެ ވަނަ ފަހަރަށް ފުލުހުން ހިފަހައްޓައިފި ނަމަ އެ މީހަކު 1،500 ރުފިޔާއިން ޖޫރިމަނާ ކުރަންޖެހޭނެ ކަމަށް މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.
ނަމަވެސް މިހާރު އަމަލު ކުރަމުންދާ އެއްގަމު ދަތުރުފަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބާރު ސްޕީޑުގައި ދުއްވައިގެން ހިފަހައްޓާ ދެ ވަނަ ފަހަރު ޖޫރިމަނާ ކުރަންޖެހެނީ 750 ރުފިޔާއިންނެވެ. ބިލުގައި ބުނެފައިވާ ގޮތުން ބާރު ސްޕީޑުގައި ދުއްވައިގެން ހިފަހައްޓާ ތިން ވަނަ ފަހަރު 2،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ޖެހެ އެވެ. އަދި ދެ ވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު އެފަދަ ފަރާތެއްގެ ލައިސަންސް ތިން މަސް ދުވަހަށް ހިފަހައްޓަން ބިލުގައި ލާޒިމްކޮށްފައި ވެއެވެ.