މި މަހު 27 ވަނަ ދުވަހު ޓޮޓެންހަމާ ދެކޮޅަށް ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) ހިމަނައިގެން މެލޭޝިއާއިން ހޮވާލެވޭ ޓީމުން ކުޅޭ މެޗް ޓީވީއެމްއިން ލައިވް ކުރާ ގޮތަށް ނިންމައިފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު މުޙައްމަދު މަލީހް ޖަމާލް "ސަން"އަށް މިއަދު ވިދާޅުވީ އަޝްފާގު ކުޅޭ އެ މެޗް ލައިވް ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ލިބިފައިވާ ކަަމަށެވެ.

"މިހާރު ވަނީ ރާއްޖޭގައި ދެއްކޭނެ ކަމުގެ ޔަގީންކަން ލިބިފައި. ދެން ކިތައް ޗެނަލުންތޯ ދައްކާނީ އޭގެ މަޝްވަރާތައް މިހާރު ކުރިއަށް ދަނީ،" މިނިސްޓަރު މަލީހް ވިދާޅުވި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިންފޮމޭޝަން އޮފިސަރު އަބުދުﷲ ރަމީޒް ވިދާޅުވީ އެ މެޗް ދެއްކޭނެ ކަމުގެ އިންތިޒާމް ހަމަޖައްސާނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެފްއޭއެމުން ދީފައިވާ ކަމަށެވެ.

ޓޮޓެންހަމާ ދެކޮޅަށް ދަގަނޑޭ ހިމަނައިގެން މެލޭޝިއާއިން ހޮވާލެވޭ ޓީމުން ކުޅޭ މެޗަށް ޓްރެއިނިންތަކެއް ހަދަނީ

މަލީހު ވިދާޅުވީ ޔޫރަޕްގެ ބޮޑެތި ޓީމުތަކުގެ ނަން މަޝްހޫރު ކުޅުންތެރިންނާ ދެކޮޅަށް ދިވެހި ކުޅުންތެރިޔަކަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންނަށް އިތުރު ހިތްވަރާއި ޖޯޝް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

ޓޮޓެންހަމާ ދެކޮޅަށް ނުކުންނަ މެލޭޝިއާގެ ޓީމުން ދަގަނޑޭއަށް ފުރުސަތު ލިބުނީ އެ ގައުމުގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިން ހިމެނުމަށް މެލޭޝިއާގެ އެފްއޭއިން ހުއްދަ ދިނުމުންނެވެ.

މެލޭޝިއާ ލީގްގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިޔަކު ޓީމްގައި ހިމެނުމަށް ނިންމީ އެ ގައުމުގެ ދެ ކުލަބް ކަމަށްވާ ޕާހާންގް އާއި ޖޭޑީޓީއަށް ކުޅޭ މެލޭޝިއާ ގައުމީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިންނަށް އޭއެފްސީ ކަޕްގައި މެޗްތައް ކުޅެން ހަމަޖެހިފައިވުމުން ޓޮޓެންހަމްގެ މެޗްގައި ނުކުޅެވޭނެތީ އެވެ.