19 May 2015, 19:14
އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އަންހެން ޑިވިޝަން ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ "ސަން ހޮޓެލްސް އެންޑް ރިސޯޓްސް"ގެ ޓީމަށް ޖަރުމަނުގެ ދެ ކުޅުންތެރީން ގެނެސްފި އެވެ.
ސަން ޓީމާ މިއަދު ގުޅިފައިވާ ދެ ކުޅުންތެރީންނަކީ ލައުރާ ގޮރެޓްޒްކާ އާއި ޓޯނީ ބާގާއެވެ.
ލައުރާ އަކީ ހާތާ ބީއެސްސީ ބާލިން އަށް 2009 އަހަރު ބުންޑެސްލީގާގައި ކުޅެފައިވާ ކުޅުންތެރިޔެކެވެ. އަދި ބުންޑެސްލީގާ އަށް ފަހު ދެވަނައަށް އެންމެ މުހިއްމު މުބާރާތް ކަމުގައިވާ ޑީއެފްބީ ކަޕުގައިވެސް ލައުރާ ކުޅެފައިވެއެވެ.
ޓޯނީ ބާގާ އަކީ އެފްސީއާރު އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އެޓީމަކީ 2010 ވަނަ އަހަރު ބުންޑެސްލީގާ ގެ ދެވަނައަށް ހޯދި ޓީމެވެ. އަދި 2010 ވަނަ އަހަރު ޔުއެފާ ކަޕްގެ ޗެމްޕިއަންކަމާއި ހަމަ އެ އަހަރު ޑީއެފްބީ ކަޕްގެ ޗެމްޕިއަންކަން އެޓީމަށް ހޯދައި ދިނުމުގައި ވެސް ޓޯނީގެ ހިއްސާ ވެއެވެ.
"ސަން" އަށް މައުލޫމާތު ދެމުން ލައުރާ ބުނީ އާދިއްތަ ދުވަހު ފަށާ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އޭނާ ބުނީ މާހައުލަށް ހޭނުމަށް ޕްރެކްޓިސް ބޭނުންވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ސަން ޓީމުގެ ކެޕްޓަން އަރީޝާ ރިޒާ ބުނީ، މިއަދު ޖަރުމަނުން އައި ދެ ކުޅުންތެރިންގެ އިތުރުން މިރޭ އަދި އެ ޓީމުގައި ހިމެނޭ ޕާކިސްތާނު ދެ ކުޅުންތެރިން ރާއްޖެ އަންނާނެ ކަމަށެވެ.
ސަން ޓީމުގެ މެނޭޖަރު އައިޝަތު ރަފިއްޔާ ވިދާޅުވީ، މިފަހަރުގެ މުބާރާތަށް އެޓީމު ވަރަށް ރަނގަޅަަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ސަންޓީމުގެ މިއަހަރުގެ އޮފިޝަލް އެއާލައިން ޕާޓްނަރަކަށް އޮމާން އެއާ ހަމަޖައްސާފައިވާ އިރު، އެޓީމުގެ ބިދޭސީ ކުޅުންތެރީންގެ އެކަމޮޑޭޝަން ޕާޓުނަރަކަށް ހަމަޖައްސާފައި ވަނީ މޫކައި ހޮޓެލްސް އެވެ.