19 May 2015, 17:29
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީން ސަރުކާރު ހިންގުމަށް އެއް އަހަރު ދުވަހު ކުރި މަސައްކަތަށް އިދިކޮޅު ޕާޓީން ދިހައަކުން އަކުން ސުމެއް ދީފި އެވެ.
އިންޑިއާގެ ނެޝަނަލް ކޮންގްރެސް ޕާޓީގެ ނައިބު ލީޑަރު އަދި އުއްތަރު ޕްރަދާޝްގެ އަމެތިގެ މަޖިލިސް މެންބަރު ރާހުލް ގާންދީ އެ ޕާޓީގެ މަޖިލިސް މެންބަރުން އަދި ސަޕޯޓަރުންނާ އެކު ބޭއްވި އެއްވުމެއްގައި ވަނީ މޯދީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"ޕްރައިމް މިނިސްޓަރު މުޅި ދުނިޔޭގައި އެބަ ދަތުރުކުރޭ، އަކަމަކު ގައުމުގެ އެއްވެސް ސަހަރަކަށް ޒިޔާރަތެއް ނުކުރޭ އަދި،" ރާހުލް ގާންދީ ވިދާޅުވި އެވެ.
ރާހުލް ގާންދީ އިސްވެ ހުއްނަވައި ކުރިއަށް ގެންދިއަ އެއްވުމުގައި ނެޝަންލަ ކޮންގްރެސް ޕާޓީގެ ސަރުކާރުގައި ހަދަން ފަށާފައިވާ ފުޑް ޕާކަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިހާރު އެ ޕާކުގެ މަސައްކަތް ހުއްޓިފައިވާ އިރު އެ އެއްވުމުގައި ރާޙުލް ގާންދީ ވަނީ "މަސައްކަތް ކުރާނަން އަދި ފުޑް ޕާކު ގެންނާނަން" ކަމަށް ބުނެ އޭނޭގެ ސަޕޯޓަރުންނަށް ވައުދުވެފަ އެވެ.
"ޕާކުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ފައިދާ ވާނެ، އެކަމަކު މޯދީގެ ސަރުކާރުން މި ވަނީ އެކަން ވެސް ހުއްޓުވައި، ގިނަބައެއްގެ ހައްގު ހުއްޓުވާފައި، ހަމައެކަނި އަހަރެންގެ ހައްގެއް ނޫން، ދަނޑުވެރިން، މަސައްކަތްތެރިންގެ ހައްގުވެސް،" ގާންދީ ވިދާޅުވި އެވެ.
މޯދީގެ ސަރުކާރުގެ އެއް އަހަރުގެ މަސައްކަތަށް ހާއްސަކޮށް ދަނޑުވެރިންނާއި މަސައްކަތްތެރިންނަށް އަޅާލާ މިންވަރަށް ދޭނީ ދިހައަކުން ސުމެއް ކަމަށް ގާންދީ ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ބޭރުގެ ގައުމުތަކަށް ބޭނުމެއް ނެތް ދަތުރުތަށް ކުރައްވާ ކަމަށް ބުނާ ވާހަކަ ވަނީ ތަކުރާރުކޮށް ފާޙަގަކޮށްލާފަ އެވެ.
މިދިއަ ހޮނިހިރު ދުވަހު ޗައިނާ އަަށް ކުރެއްވި ދަތުރުފުޅުގައި މޯދީ ވިދަޅުވެފައި ވަނީ މާގިނަ ދަތުރުތަށް ކުރާތީ ފާޑުކިއުން އަމާޒުވާ ކަމަށެވެ. ނަމަވެސް ދަތުރު ކުރަނީ ބުރަ މަސައްކަތް ކުރަން ކަމަށާއި އެއީ ކުށެއް ނަމަ އިންޑިއާގެ 125 ކޮރޯ މީހުންނަށް އެކުށް ކުރާނެ ކަމަށެވެ.
އަދި އޭނާގެ ސަރުކާރަށް އަހަރުވީ އިރު އެއްވެސް ޗުއްޓީއެއް ވެސް ނަގާފައި ނުވާނެ ކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ.