19 May 2015, 16:31
ވިލިމާލޭ ހުޅަނގު ބަނދަރާއި މ. މަޑުއްވަރީ އާއި މ. ދިއްގަރުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެ ތިން ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއުތަކުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޓީސީސީގެ ޗީފް ފައިނޭންޝިއަލް އޮފިސާ މުހައްމަދު ހިލްމީ އެވެ.
ވިލިމާލެ ހުޅަނގު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ހުޅަނގު ފަރާތުން ބޮޑު ހިލައިގެ ކަނޑު ތޮއްޓެއްލުމާއި 42 މީޓަރު ދިގު ކޮންކްރީޓް ސްލިޕްވޭއެއް ހެދުން ހިމެނެ އެވެ. ނުވަ މިލިއަނެއްހާ ރުފިޔާގެ އެ މަޝްރޫއު ނިންމަން އެމްޓީސީސީ އަށް ދީފައި ވަނީ 150 ދުވަހުގެ މުއްދަތެކެވެ.
މ. ދިއްގަރު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރު ދިގު މިނުގައި 750 ފޫޓާއި ފުޅާ މިނުގައި 260 ފޫޓަށް ބޮޑުކޮށް، ފަޅު ފުން ކުރާނެ އެވެ. އަދި ބަނދަރުގެ ބޭރު ތޮށީގައި 452 މީޓަރަށް ބޮޑު ހިލަ ޖަހާނެ އެވެ. އަދި ބޭރު ތޮށިލުމާއި 23 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. ސާޅީސް ފަސް މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓް ނިންމަން ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއަށް އެއްބަސްވުމުގައި ލާޒިމްކޮށްފައިވެ އެވެ.
މ. މަޑުއްވަރީގެ ބަނދަރުގައި އެއްގަމު ތޮށި އާ ކުރުމުގެ މަސައްކަތުގެ ދަށުން 255 މީޓަރުގެ ދިގު މިނަށް ކޮންކްރިޓް ބްލޮކް އެއްގަމު ތޮށްޓެއް ލުން ހިމެނެ އެވެ. އެއީ 14.1 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
"މި ތިން މަޝްރޫއަކީ ވެސް ސަރުކާރުގެ ބަޖެޓުން ޚަރުކޮށްގެން މިއަހަރު ނިންމަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް. މިވަގުތު ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅުއްވާ ތަރުތީބުގެ ތެރިއިން ކުރިއަށްގެންދާ މަޝްރޫއުތައް،" ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ތިން ރަށަށް ވެސް ބަނދަރުގެ މަސައްކަތް ވަރަށް މުހިއްމު ކަަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ 'ވައުދުވެ ވައުދު ފުއްދަމުންދާތީ" ވަަރަށް އުފާވާ ކަމަށެވެ.

ބަޖެޓްކޮށްފައިވާ ގޮތަށް އިއްޔެ މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް އެކްސްރޭ މެޝިނެއް ސަރުކާރުން ދިނުމަކީ ވައުދުވެ ވައުދު ފުއްދުން ކަަމަށް ނިހާން ވިދާޅުވި އެވެ.
"އެހެންވެ އިއްޔެ ވެސް ދަންނަވާލީ ސަރުކާރުގެ ކެންޑިޑޭޓް ފާރިޝް މައުމޫނަށް ވޯޓް ދެއްވުމަކީ އެ މަސައްކަތުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ އެންމެ ގާތް ބައިވެރިވެވަޑައިގަތުންކަން،" ނިހާން ވިދާޅުވި އެވެ.
އިންތިޚާބާއި ދިމާކޮށް މަޝްރޫއުތައް ފަށާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަ އާއި ގުޅޭގޮތުން ނިހާން ވިދާޅުވީ މި މަޝްރޫއު ތަކަކީ މެމްބަރުން އެދިވަޑައިގެން ބަޖެޓްގައި ހިމެނި މަޝްރޫއުތައް ކަމަށެވެ. އަދި ދިއްގަރާއި މަޑުއްވަރީގެ މަޝްރޫއަކީ ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރުގެ އެދިވަޑައިގަތުމަކަށް ބަޖެޓް ކުރި މަޝްރޫއު ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ ވަކި ކަަމަކާއި ގުޅުވައިގެން ކުރާ ކަމެއް ނޫން ކަމަށް ނިހާން ވިދާޅިުވި އެވެ.
މި ބަނދަރުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އެމްޓީސީސީ އާއި ހަވާލުކޮށްގެން 42 މަޝްރޫއެއް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.