19 May 2015, 15:54
ފުލުހުންގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުއްޓައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ބަންދުން ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފައިވާތީ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ހިޝާމް ވަޖީހު މިއަދު ސަން އަށް ވިދަޅުވީ އަމީން ދޫކޮލަން ހައިކޯޓުން ކުރި ހުކުމް އިލްތިމާސްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަދު ހެނދުނު ކަމަށެވެ. އެހެންނަމަވެސް މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ހިޝާމް ވިދާޅުވި އެވެ.
އަމީން ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމްގައި ވަނީ ޕީޖީ އޮފީހާއި ފުލުސް އޮފީހުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ އިރު، އަމީންގެ މައްޗަށް ތުހުމަތުކުރާ ކުށަކީ ބިރުދެއްކުންކަން އެނގެން އޮންނަ ކަމަށެވެ.
އެ ހުކުމްގައި ވަނީ ބިރުދެއްކުމުގެ ގޮތުން އަމީން ކުރިކަމަކީ ކޮބައިކަން ނުވަތަ ދެއްކި ވާހަކައަކީ ކޮބައިކަން ބުނެދިނުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް އިންޓެލިޖެންސް ރިޕޯޓެއް ފުލުހުން ހުށަހެޅި ކަމަށެވެ. އެ ރިޕޯޓުގައި އޮތް ޑޮކިއުމެންޓުގައި މޭޑޭ މުޒާހަރާގައި އަމީން ދެއްކި ވާހަތަކަ ދެއްކި އިބާރާތުން ލިޔެފައިނުވާ ކަމަށާއި އެއީ ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރަށް ދޭހަވި ގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށް ފުލުހުން ހައިކޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
އަމީންގެ ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދިފައި ވަނީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށްވާ އިރު، އޭނާ މުޒާހަރާގައި ދެއްކިވާހަކާގައި ބިރުދެއްކުމާއި ކުށަށް ހިތްވަރުދިނުން ފަދަ ކަންކަން ހިމެނޭ އިބާރާތްތަކެއް ވޭތޯ ބަންދާމެދު ގޮތެއް ނިންމުމުގެ ކުރިން އެކަށީގެންވާ ގޮތެއްގައި ފަނޑިޔާރު ބައްލަވާފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އެމްޑީޕީގެ ހެންވޭރު ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ އޭނާ ވެސް ހިމެނޭ ގޮތަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު ހައްޔަރުކޮށްފައި ވަނީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެއެންމެންގެ މައްޗަށް ކުރާ ތަހުގީގު މިހާރު ވަނީ ނިމިފައި ކަމަށާއި އެހެންކަމުން އިތުރަށް އެއިއިން ބޭފުޅަކު ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ.