19 May 2015, 15:52
ބަޣްދާދު (މޭ 19) : އައިއެސް ޖަމާއަތުން މިދިޔަ އާދީއްތަ ދުވަހު ހިފި އިރާގުގެ ރަމާދީ ސިޓީ އެޖަމާއަތުގެ ވަކިތަކުން މިނިވަން ކުރުމަށްޓަކައި އިރާގު ސިފައިންގެ ލަޝްކަރެއް އެރަށުގެ އިރުމަތީގައިވާ ހިސާބުތަކަށް ފޮނުވައިފި އެވެ.
ބޮޑުވަޒީރު ހައިދަރު އަބާދީ ވިދާޅުވީ ރަމާދީ މިނިވަން ނުކޮށް އިރާގު ސިފައިން އެނބުރި ކޭންޕްތަކަށް ނުދާނެކަމުގަ އެވެ. ބަޣްދާދުން ލިބޭ ޚަބަރުތައް ބުނާ ގޮތުން ރަމާދީ މިނިވަންކުރުމުގައި އިރާގު ސިފައިންނަށް އެހިތެރިވުމަށް އިރާގުގެ ޝިޔަޢީންގެ ތިންހާސްމީހުންގެ މައްޗަށް އެކުލެވޭ އާންމުންގެ ހަނގުރާމަވެރި ޖަމާއަތެއް ވެސް މިހާރު ވަނީ އެސަރަހައްދަށް ގޮސްފަ އެވެ. އަދި ރަމާދީ މިނިވަންކުރުމުގެ ހަނގުރާމަ މިހާރުވެސްވަނީ ފެށިފަ އެވެ.
ބަޣްދާދުގެ ހުޅަނގުން ސަތޭކަ ބާރަ ކިލޯމީޓަރު ދުރުގައި އޮންނަ ރަމާދީ އައިއެސްގެ އަތްދަށަށް ގޮސްފައިވަނީ އެރަށުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ގެންދިޔަ އިރާގު ސިފައިންނަށް ކެތްކޮށް ނުލެވިގެން އެމީހުންގެ މަރުކަޒުތައް ދޫކޮށް ފޭބުމުންނެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން ކާނަލް ސްޓީވަން ވަރެން ވިދާޅުވީ ރަމާދީ އައިއެސްގެ އަތްދަށުން މިނިވަން ކުރުމަށްޓަކައި އެމެރިކާ، ވައިގެ މަގުންނާއި ލޮޖިސްޓިކްގެ ރޮނގުންނާ އަދި ޖާސޫސީ މައްލޫމާތުގެ ދާއިރާއިން އިރާގު ސިފައިންނަށް އެހިތެރިކަން ފޯރުކޮށްދޭނެ ކަމުގަ އެވެ. ރަމާދީގައިވާ އައިއެސްގެ ބާރުތަކަށް އިއްޔެއާއި މިއަދު އެމެރިކާގެ ފައިޓަރޖެޓްތަކުން ހަމަލާތައް ދެމުން ގެންދާކަމަށްވެ އެވެ. ނަމަވެސް އެމެރިކާއަކީ އައިއެސްއާ ހަނގުރާމަ ކުރުމުގައި ޑަބަލް ރޯލް ކުޅޭ ގައުމެއްކަމަށް ތުހުމަތު ކުރެވޭތީ އެމެރިކާ ގެ މަތިންދާބޯޓުތަކުން އައިއެސްއާ ދެކޮޅަށް ދެމުން ގެންދަނީ ކިހާ މިންވަރެއްގެ ސީރިޔަސް ހަމަލާތަކެއްކަން އެނގިފައެއް ނުވެ އެވެ.
އައިއެސްއަކީ އިރާގުގެ އެކި ރަށްރަށުގައި އާންމުންނާ ދެކޮޅަށް ބިރުވެރި ގަތުލުއާންމުތަކެއް ހިންގާފައިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެކެވެ. އެޖަމާއަތުން ރަމާދީގެ އާންމުންނާ ދެކޮޅަށް ހިންގަފާނެ ބިރުވެރި ގަތްލުއާންމުތަކަކަށް ބިރުން އެރަށުގެ ގިނަބަޔަކުވަނީ އެރަށުން ފާބައިފަ އެވެ. (ރޮއިޓާސް)