ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

އުމުރުން 29 އަހަރުގެ ޒިޔަދަމް މަރުވެފައި ވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ.

އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން،24 އާއި ހަމައެރަށު ބީޗުވިލާ އަލީ ސިފާމް،29 ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް އަށްއިންޗިހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ.

އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުއްވާފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޒިޔަދަމްގެ މަރާގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މަރުގެ ދައުވާގެ އިތުރުން އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ މުންޑޫ ހެލްތް ޕޯސްޓް ކައިރިން އެރަށު މުހައްމަދު ނިޒާރަށް ބިރުދައްކާފައިވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މާރާމާރީ ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މަރުވެފައިވާ ޒިޔަދަމްގެ ހަށިގަނޑު ހެލްތް ޕޯސްޓަށް ގެންދިޔުމަށް އެރަށު އަބްދުﷲ ޝިފާއު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓައި ޝަނޫން އޭނާއަށް ހަމަލާދީފައިވާތީ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ ދެ މީހުން ވެސް ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެއެވެ. ޝަނޫނާއި ސިފާމް ވެސް ބުނީ ދައުވާއަށް ޖަވާބުފާރީވާން ބޭނުންވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.

ގާޒީ އަބްދުލް ބާރީ ޔޫސުފް މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އެ ދެ މީހުންނަށް ވަކީލަކު ހަމަޖެއްސުމަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު އެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އާދިއްތަ ދުވަހު އެވެ.