ރާއްޖޭގެ ތައުލީމީ ދާއިރާއަަށް ނިސްބަތްކޮށް ކިޔާ ފާޑުކިޔުންތަކަކީ އިހުލާސްތެރިކަމާއެކު ކިޔާ ފާޑު ކިޔުންތަކެއް ކަމުގައި ގަބޫލް ނުކުރެވޭ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މަތީ ތައުލީމު ދޭ ކޮލެޖްތަކުގެ ވެރިންނާއެކު މިއަދު ސްޓެލްކޯގައި ބޭއްވި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތައުލީމީ ދާއިރާގައި މިހާރު އަމަލު ކުރަމުން ގެންދާ އާ މަންހަޖަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި ކަންކަން ކުރިއަށް ގެންދިއުމަށް ބައްޓަން ކުރެވިފައިވާ މަންހަޖެއް ކަމަށެވެ.

"ހުޅަނގުގެ ބައެއް ތަންތަނުގައި އެކިކަންކަމާ ބެހޭ ގޮތުން ކިޔާ ފާޑުކިޔުންތައް ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ތައުލީމީ ނިޒާމަކަށް އެކަށީގެން ނުވާނެެ، އިސްލާމް ދީނުގައި ކަނޑައެޅިފައި ހުންނަ ކަންތައްތައް މިހާރު އަމަލް ކުރަމުން މި ގެންދާ އާ މަންހަރުގެ ދަށުން އުނގަންނައިދޭނެ، އާ މަންހަޒުގައި ހުރި ކަންތައްތަކަކީ އިސްލާމްދީނުގައި ހުރި ކަންތައްތައް އުނގަންނައިދިނުމަށް ކުރާ ކަމެއް ކަމުގައިވާއިރު އެކަމަށް ކިޔާ ފާޑުކިޔުންތަކަކީ އިހުލާސްތެރިކަމާ އެކު ކިޔާ ފާޑުކިޔުންތަކެއް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.

އިންސާނީ ހައްގުތައް ކަމުގައިވީ ނަމަވެސް އަދި ދުލުގެ ހައްގުތައް ކަމުގައި ވީނަމަވެސް އަދި އެހެން ހައްގުތަކުގެ ނަމުގައި ކުރާ ކަންތައްތަކުގެ ތެރޭގައި ވިޔަސް އިސްލާމްދީނަށް ފުށުއަރާ ކަންތައްތަކެއް ރާއްޖޭގައި ނުހިންގޭނެ ކަމަށާއި ރާއްޖޭގެ ދުއްތޫރުގެ ތެރޭގައި އެކަންތައްތަކަކަށް ހުއްދަ ނުދޭނެ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަށް މިއަދު މި ވަނީ ވަރަށް ބޮޑަށް މަތީ ތައުލީމުގެ ފުރުސަތަަށް ބޭނުންވެފައި ކަމަށާއި ރާއްޖެއަކީ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ވަރަށް ގިނަ ލަނޑުދަނޑިތަކެއް ހާސިލް ކުރަން ބޭނުންވާ ހީވާގި ބަޔަކު ދިރިއުޅޭ ގައުމެއް ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ ކުރިއެރުން ބިޔާވެފައި އޮތީ ރާއްޖެ އަށް ބޭނުންވާ ފަންނީ މީހުން ރާއްޖޭގައި އުފެދިގެން ކަމަށެވެ.

"ރާއްޖޭގެ ދަރިން މިއަދު ވިސްނަން އެބަ ޖެހޭ ރާއްޖޭގައި މަތީ ތައުލީމް ހޯދުމަށްފަހު އަދި ރާއްޖޭން ބޭރުގައި ތައުލީމު ހޯދުމަށް ފަހުގައި ވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އެހެނިހެން ގައުމުތަކުގެ ބޮޑެތި ކުންފުނިތަކާއި ވަޒީފާތަކުގައި ހަރަކާތްތެރިވުމަށް އެ ގާބިލްކަން ލިބިފައިވާ ބަޔަކަށް ވުމަށް،" ނައިބް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އޮތް އިސްލާމީ ޝަހުސިއްޔަތު ދަމަހެއްޓުމަށާއި ރާއްޖެ އިގުތިސާދީ ގޮތުން ކުރިއަށް ގެންދާން ބޭނުންވާ ކަމުގައިވާނަމަ އެ ކަމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމުގައި އެންމެން އެކީގައި މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ. އަދި އެކަންކުރުމުގައި ދިމާވާ ދަތިތަކާއި ހުރަސްތައް ނައްތާލުމަށް ސަރުކާރުން އެހީތެރިވާން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.