އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގައި ރާއްޖޭގެ އަމާޒަކީ ނުވަ މެޑަލާއި 15 މެޑަލާ ދެމެދުގެ އަދަދަކަށް މެޑަލް ކާމިޔަބު ކުރުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަޙްމަދު މަރުޒޫގު (މަރޭ) ވިދާލުއްވެއްޖެ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މަރޭ ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާ ޓެކްނިކަލް ފަރާތްތަކަށް އަދި އެތުލީޓުންނަށާއި އާންމު ރައްޔިތުންނަށް ވެސް ރާއްޖެއިން މެޑަލްތަކަކަށް ޓާގެޓް ކުރާ ވާހަކަ ދެއްކުމުން އެކަން ގަބޫލު ކުރަން އުނދާގުވި ކަމަށެވެ.

ނަމަވެސް މިފަހަރު އިންޑިއަން އޯޝަން އައިލެންޑްގޭމާ ކުރިމަތިލާއިރު ނުވަ މެޑަލާއި 15 މެޑަލް ދެމެދު އަދަދަކަށް ހާސިލު ކުރާ ވާހަކަ ދެއްކުމުން އެންމެންނަށްވެސް ގަބޫލު ކުރެވިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރާއްޖޭގެ ސްޓިއަރިންގ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސް ކޮންފަރެންސްގެ ތެރެއިން --- ޙުސައިން ޙަބީބު

"ކަމެއް ކާމިޔާބު ކުރަންޏާ އެންމެ ފުރަތަމަ އެކަމެއް ކުރަން ތިބި ބަޔަކަށް އެކަން ގަބޫލު ކުރެވުމޭ. އެކަން ގަބޫލުކޮށްގެން ކުރިއަށް ދިޔައީމަ ނޫނީ ކާމިޔާބު ނުވާނެ. މިއަދު އަޅުގަނޑުމެންނަށް އަޑު އިވިގެންދާނެ ގައުމުގެ ރައީސުުލްޖުމްހޫރިއްޔާއިން ފެށިގެން އެންމެ އާދައިގެ މީހާޔާ ހިސާބަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެޑަލްގެ ވާހަކަ ދައްކަމުން ދާތަން. މިހާރު އެތުލީޓުންނަށްވެސް އެބަ ގަބުލު ކުރެވޭ އެސޯސިއޭޝަންތައް ހިންގަވަން ތިއްބެވި ވެރިންނަށްވެސް އެބަ ގަބޫލު ކުރެވޭ އަޅުގަނޑުމެން މިދައްކާ ނުވަ މެޑަލްއާ 15 މެޑަލްއާ ދެމެދު ޢަދަދުގެ ވާހަކަ،" މަރޭ ވިދާޅުވި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރާއްޖޭގެ ސްޓިއަރިންގ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސް ކޮންފަރެންސްގައި އޮލިމްޕިކް ކޮމިޓީ ހެނަރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤު (މަރޭ) ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ހުސައިން ހަބީބު

މަރޭ ވިދާޅުވީ މުބާރާތްތަކުގެ ފަރިތަކުރުންތައް ދާގޮތް ބެލުމަށްފަހު މުބާރާތަށް ފުރުމުގެ ދިހަ ދުވަސް ކުރިން ރާއްޖެއިން ޓާގެޓް ކުރަނީ ކޮން ކުޅިވަރުތަކަކުން ކޮން މެޑަލަކަށްކަން އިއުލާން ކުރާނެ ކަމަށެވެ.

"ޓްރޭނިންތައް ދާ ގޮތަށް ބަލާފައި ގާތްގަނޑަކަށް މުބާރާތަށް ފުރުމުގެ ދިހައެއް ނުވަތަ 15 ދުވަސް ކުރިން އަޅުގަނޑުމެން ހިއްސާ ކުރާނަން އަޅުގަނޑުމެން ޓާގެޓް ކުރަނީ މިކުޅިވަރަކުން މިވެނި ކަމެކޭ. މީގެއިން ބްރޯންޒޭ މީގެއިން ސިލްވާއޭ. މީގެއިން ގޯލްޑޭ. ބެޑްމިންޓަންއިން ހަތަރު މެޑަލްއޭ އެތުލެޓިކްސްއިން ތިން މެޑަލްއޭ. މުބާރާތަށް ފުރުމުގެ ކުރިން ވަރަށް ރަނގަޅަށް ހާމަ ކުރާނަން،" މަރޭ ވިދާޅުވި އެވެ.

އޯގަސްޓް 1 އިން 8 ރީޔުނިއަންގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖެއިން 10 ކުޅިވަރަކުން މުބާރާތުގައި ވާދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.