މަޝްހޫރު ފާސްޓް ފުޑް ޗެއިން ސަބްވޭއަށް ބޭނުންވާ ކަނޑުމަސް ސަޕްލައި ކުރުމުގެ އެއްބަސްވުމެއްގައި މިފްކޯ އާއި ސަބްވޭއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މިފްކޯއިން ބުނީ ބެންކޮކްގެ އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރީ ސީއީއޯ އަދްލީ އިސްމާއިލް ކަމަށެވެ.

މިފްކޯއިން ބުނީ އެ އެއްބަސްވުމަކީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމުން ބާނާ މަހަށް ރަނގަޅު އަގު ހޯދުމަށް މިފްކޯއިން ކުރަމުން ގެންދާ މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން ސަބްވޭއަށް ބޭނުންވާ ކަނޑު މަހުގެ ބައެއް ބަންދުކޮށް، މަސް ސަޕްލައި ކުރުމަށްވި އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުން ވެފައި ވަނީ ސަބްވޭގެ ކަމާއިބެހޭ ފަރާތްތަކުން ރާއްޖެ ވަޑައިގެން އަމަލީ ގޮތުން މަސްވެރިކަމުގައި ބައިވެރިވެ ދޮށީގައި މަސްވެރިކަން ކުރާ ގޮތް ބަލައި އަދި މިފްކޯގެ ފެކްޓަރީ އާއި ބޯޓްފަހަރު ޗެކްކުރުމަށްފަހު ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯ އިން ބުނީ އެ އެއްބަސްވުމަކީ އެ ކުންފުނިން އެކްސްޕޯޓްކުރާ މަހުގެ އަދަދަށް ބަލާއިރު ކުޑަ އަދަދެއް ކަމުގައި ވިޔަސް އެފަދަ ނަން މަޝްހޫރު ފުޑް ޗެއިނަކުން ތިމާވެއްޓާއި އެންމެ ރައްޓެހި މަސްވެރި ކަމެއް ކަމުގައި ދިވެހި މަސްވެރިކަން ބަލައިގަތުމަކީ ދިވެހި މަސްވެރިންނަން ލިބުނު ވަރަން ބޮޑު ކުރިއެރުމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެފަރާތުން މަސްގަތުމަށް ހަމަޖެހިފައި ވަނީ މިހާރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރިވަރަށް ބަލާއިރު ރަނގަޅު އަގެއް ކަމުގައި ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.

މިފްކޯއިން ބުނީ އެ އެއްބަސްވުމުގެ ދަށުން ފޮނުވާ ޕްރޮޑަކްޓްތައް އުތުރު އެމެރިކާގެ ސަބްވޭގެ ގާތްގަނޑަކަން 2000 އައުޓްލެޓްއިން ލިބެން ހުންނާނެ ކަމަށެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދަނީ ދިވެހި މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައި ދީ ދިވެހި މަސްވެރިކަމުގެ ސިނާއަތް އިތުރަން ތަރައްގީ ކުރުމަށް ކަމަށެވެ.