19 May 2015, 13:53
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން ހިއްކާފައިވާ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން މުހައްމަދު ސައިމަން ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސައިމަން ވިދާޅުވީ ހައުސިން ޕްރޮޖެކްޓަކާއި މަގު ހެދުމާއި ފެނާއި ކަރަންޓުގެ ނިޒާމް އެ ސަރަހައްދުގައި ގާއިމްކުރުމުގެ ޕްރޮޖެކްޓެއް މިއަހަރު ފަހުކޮޅު ފެށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތްތައް ނިމި ނޮވެމްބަރު ނޫނީ ޑިސެމްބަރު މަހުގެ ތެރޭގައި އެ ސަރަހައްދަށް ތަރައްގީ ގެންނަން ފެށިގެންދާނެ ކަމަށެވެ.
"ނޮވެމްބަރު ޑިސެމްބަރު ހިސާބުގައި އަޅުގަނޑުމެންނަށް ޑިވެލޮޕްމަންޓު ގެންނަން ފެށޭނެ،" ސައިމަން ވިދާޅުވި އެވެ.
ސައިމަން ވިދާޅުވީ ޔޮޓް މެރީނާއަކާއި ޓޫރިޒަމްގެ އިތުރުން ފައިނޭންޝަލް އިންސްޓިޓިއުޝަންސްތަކަށް ޚާއްސަ އޭރިއާއެއް ވެސް އެތަނުގައި ގާއިމްކުރާނެ ކަމަށެވެ.
އެ ސަރަހައްދަށް ގެނެވޭ ތަރައްގީއާއެކު ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށާއި ޓޫރިޒަމްގެ ދާއިރާއިން އެކަނި ވެސް 8،000 އާއި 10،000އާ ދެމެދުގެ އަދަދަކަށް ވަޒީފާގެ ފުރުސަތުތައް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޭސް ދޭއްގެ ޓޫރިޒަމް ޑިސްޓްރިކްޓުން އެކަނި ވެސް 8،000 އާއި 10،000އާ ދެމެދުގެ އަދަދަކަށް ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ސައިމަން ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން 245 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
"ހިއްކި ސަރަހައްދު ރައްކާތެރި ކުރުމަށްޓަކައި ވަށައިގެން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އަންނަ މާޗް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވެނީ،" ސައިމަން ވިދާޅުވި އެވެ.
ސައިމަން ވިދާޅުވީ ބޮޑު ހިލަޖެހުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏަކާ ކަމަށާއި އެ މަސައްކަތަށް 10 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.