ޓެލެސްކޯޕުގެ އެހީގައި ޖުޕިޓާ ބަލާލުމަށް 2000 އަށް ވުރެ ގިނަ މީހުން އެއްވެ ޖުޕިޓާ ބަލައިފިއެވެ.

ސައިންސުގެ ދިރާސާތަކާއި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ "ސައިންސް އެންމެނަށް"ގެ އިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ ޓެލެސްކޯޕުގެ އެހީގައި އިރަވީ ނިޒާމުގެ އެންމެ ބޮޑު ގުރަހަ "ޖުޕިޓާ" ބަލާލުމުގެ ފުރުސަތު ރޭ ހުޅުވާލުމުގެ ކުރިންވެސް ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ހަދާފައިވާ ކަމަށެވެ.

މަސްވެރިން ޕާކްގައި ރޭ 7:30 އިން 9:30 އަށް ކުރިއަށް ގެންދިޔަ ހަރަކާތައް އެކިއުމުރު ފުރާގެ 2000 އަށް ވުރެ ގިނަ މީހުން ގޮސް ޖުޕިޓާ ބަލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ، ރޭ ޓެލެސްކޯޕުގެ އެހީގައި ވަރަށް ރީޗަށް ޖުޕިޓާ ފެނުނު" އޮފިޝަލް ވިދާޅުވިއެވެ.

އެޓެލެސްކޯޕުތަކުގެ އެހީގައި ޖުޕިޓާގެ ބައްޓަމާއި ކުލަވަރާއި ހަތަރު ވަރަކަށް ހަނދު ފެނެއެވެ.

ރޭ "ޖުޕިޓާ" ބަލާލުމަށް ގިނަ ބަޔަކު އެއްވެފައި-- ފޮޓޯ: ޖާވިޝް

ޖުޕިޓާއަކީ އިރަވީ ނިޒާމުގައި އިރުން ފެށިގެން ފަސް ވަނައަށް އޮންނަ ގުރަހަ އެވެ. ޖުޕިޓާ އަކީ އިރަވީ ނިޒާމުގެ ބޭރަށް އޮންނަ ހަތަރު ގުރަހައެކޭ އެއްފަދައިން ގޭހުގެ މައްޗަށް ބިނާވެގެންވާ، ހަރު ބިމެއް ނޯންނަ ގުރަހައެކެވެ. ޖުޕިޓާވަށާ ބުރުޖަހާ 67 ހަނދު ވެ އެވެ.

ސައިންސް އެންމެންގެ ފަރާތުން ވަނީ ދާފި ފަހުން ޓެލެސްކޯޕް މެދުވެރިކޮށް ރައްކާތެރި ކަމާއެކު ކައިރިން އިރު ބަލާލުމުގެ ފުރުސަތު ގިނަ ބަޔަކަށް ދީފައެވެ.