19 May 2015, 13:23
ރިޔާޒް (މޭ 19): ދުނިޔޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު ހޮޓާ މާތްވެގެންވާ މައްކާގައި ބިނާކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ސައޫދީ އަރަބިޔާގެ "ސަބަގް" ނޫސް ބުނެފި އެވެ.
އެނޫސް ބުނާ ގޮތުން މައްކާގެ "ކަދީ" ސަރަހައްދުގައި ބިނާކުރަމުން ގެންދަނީ 10 ހާސް ކޮޓަރި އާއި 70 ރެސްޓޯރެންޓާއި ގިނަ އަދަދެއްގެ ޝޮޕިން ކޮންޕްލެކްސް އާއި ހެލިޕޭޑްތައް އެކުލެވޭ ބިޔަ ހޮޓަލެކެވެ. މި ބިޔަ ހޮޓަލުގެ ތެރޭގައި އެކިތަރީގެ (އެކިފެންވަރުގެ) 12 ޓަވަރު އަދި ރޮޔަލް ސުއިޓްތައް އެކުލެވޭނެ އެވެ. މިގޮތުން ހަތަރު ތަރީގެ 10 ޓަވަރާއި ފަސް ތަރީގެ ދެ ޓަވަރު އިތުރުން ޝާހީ އާއިލާތަކަށް ޚާއްސަ ސުއިޓްތަކާއި އެކިވަރުވަރުގެ ކޮންފަރެންސް ހޯލްތައްވެސް މިހޮޓަލުގައި ހިމެނޭނެ އެވެ.
މި ބޮޑު ހޮޓަލުގައި ހިމެނޭ ހަތަރު ތަރިއާއި ފަސް ތަރީގެ ޓަވަރުތަކަކީ އުމުރާ ވެރިންނަށާއި ހައްޖުވެރިންނަށް ޚާއްސަ ހޮޓާތަކެވެ. ރޮޔަލް ސުއިޓްތަކަކީ މައްކާއަށް ޒިޔާރަތް ކުރައްވާ ސައޫދީ ޝާހީ އާއިލާގެ ބޭފުޅުންނާއި ސައޫދީ ސަރުކާރުގެ މަތީފެންވަރުގެ މަސްއޫލުވެރިންނާ އަދި އިސްލާމީ ގައުމުތަކުގެ ރަސްރަސްކަލުންނާއި ރައީސުންނާއި ބޮޑުވަޒީރުންނާ އަދި ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުން ތިއްބެވުމަށް ޚާއްސަ ބައިތަކެވެ. މައްކާގެ މިބިޔަ ހޮޓަލުގައި ހޮސްޕިޓަލްތައް ވެސް ހިމެނޭކަމަށްވެ އެވެ.
މިހޮޓަލުގެ މަސައްކަތްނިމި ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގައެވެ. އެއީ މައްކާގެ ޙަރަމްފުޅާއި އެނޫން ވެސް ތަންތަން ބޮޑުކުރުމަށް ސައޫދީ ސަރުކާރުން މިހާރު ހިންގަމުން ގެންދާ ބިޔަ މަޝްރޫއު ވެސް ނިމޭ އަހަރެވެ. މި މަޝްރޫޢު ނިމޭއިރު ހަތް މިލިޔަންމީހުންނަށް ދަތިކަމެއް ނެތި ހައްޖުގެ އަޅުކަން އަދާކުރެވޭ ވަރަށް މައްކާގެ ޙަމަރަމްފުޅުގެ ސަރަހައްދު ބޮޑުކޮށް ފުޅާކުރެވިގެންދާނެ އެވެ.
މިހޮޓަލުގެ ޑިޒައިނަކީ މުސްލިމުން ސްޕޭން (އަންދަލުސް) ފަތަހަކޮށްގެން އުޅުނު ދުވަސްވަރު މުސްލިމުންގެ މުހިއްމު އިމާރާތްތައް ބިނާކޮށްއުޅުނު އަންދަލުސް ޑިޒައިން ކަމަށްވެ އެވެ. މައްކާގައި ވަނީ 600 މީޓަރުގެ އުސް ޓަވަރެއްގައި 40 ކިލޯމީޓަރުގެ ދުރުން ފެންނަ ވަރުގެ ބިޔަ ގަޑިއެއް ވެސް ބަހައްޓާފައެވެ. ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށްޓަކައި އަހަރެއްގެ ތެރޭގައި މައްކާއަށް 25 މިލިޔަނާއި 30 މިލިޔަނާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތް ކުރާ ކަމަށް ވެއެވެ. (ސަބަގް)