ޖުމުލަ އެއްލައްކަ ރުފިޔާއާ ހަމައަށް ބަދަލުވޭ ދެވޭ ގޮތަށް އެކުލަވާލާފައިވާ ހައްޖު އުމުރާ ތަކާފުލް މިއަދު ތައާރަފުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބުރާހިމް އިފްތިތާހު ކޮށްދެއްވި ހައްޖު އުމުރާ ތަކާފުލަކީ އެލައިޑު އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ގުޅިގެން ހައްޖަށާއި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އަޔާދީ ޝަރީއާ ބޯޑުގެ ޗެއާ ޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިއަދު ތައާރަފު ކުރެވިގެން ދިޔަ ތަކާފުލްގެ ބޭނުން ހައްޖާ އުމްރާގެ އަޅުކަން ނިމެންދެން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. މުނީޒާ ވިދާޅުވީ މިއަދު ތައާރަފު ކުރެވިގެން ދިޔަ ތަކާފުލްގެ ހިދުމަތަކީ ހައްޖާ އުމުރާގެ ހިދުމަތް ލުއި ފަސޭހަ ކަމާއި އެކީގައި ދިނުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަށާފައިވާ ހިދުމަތަށް އިތުރުވެގެން ދިޔަ ހިދުމަތެއް ކަމަށެވެ.

"ތަކާފުލް އަކީ އިސްލާމިކް އިންޝުއަރެންސް. އިންޝުއަރެންސަކީ މާދަމާ ކަމެއް ދިމާވެދާނެ ކަމަށް ބެލުމަށް ފަހު މިއަދު އަޅުގަނޑުމެން އަޅާ ފިޔަވަޅަކަށް ކިއާ ނަމެއް. މިއަދު އަޅުގަނޑުމެން އަޅާ ރައްކާތެރިކަމަށް ކިޔާ ނަމެއް. އެހެންކަމުން އިސްލާމިކް އިންޝުއަރެންސް ތަކާފުލް އަކީ ޝަރީއާ ހުއްދަ ކުރާ ގޮތެއްގެ މަތީން ފަރުމާ ކޮށްފައިވާ ނިޒާމަކަށް ކިއާ ނަމެއް،" މުނީޒާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުނީޒާ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ އަސުރުމާ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެލައިޑު އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލު ވިދާޅުވީ މި ނިޒާމަކީ ރާއްޖެއަށް ކިތަންމެހާވެސް އާ ނިޒާމެއް ކަމަށެވެ. ނަމަވެސް މިކަމުގައި ކޮންމެ ރައްޔިތަކުވެސް ބައިވެރިވާނެ ބޭނުންފުޅުވެލައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޔާދީ ތަކަފުލް ހަމައެކަނި މާކެޓު ކުރެވެނީ ރާއްޖެއަކަށް ނޫން. ބައިނަލްއަގުވާމީ މާކެޓަށް ވެސް އަޅުގަނޑުމެން އަޔާދީ ތަކާފުލް އެބަ ޕުރޮމޯޓު ކުރަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި ޕުރޮޑަކްޓު ބައިނަލްއަގުވާމީ މާކެޓުގައި ލާންޗު ކުރާނަން. ހަމައެއާއެކު މިހާރު ވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި ޕުރޮޑަކްޓު އަންނަ މަހު ބައިނަލް އަގުވާމީ މާކެޓަށް ނެރުމަށް މަސައްކަތް ކުރާއިރު ތިންލައްކަ މީހުން އަޅުގަނޑުމެންނާ ޖޮއިން ކުރާނެ." އަމީލް ވިދާޅުވި އެވެ.

އެލައިޑު އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ އަސަރުމާ

ހައްޖު އަދި އުމުރާ ތަކާފުލް އަކީ ހައްޖަށް ނުވަތަ އުމުރާގެ އަޅުކަން އަދާ ކުރުމަށް ގޮސް ތިބޭ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ބަދަލު ހޯދައިދޭ ނިޒާމެކެވެ. މި ނިޒާމުގެ މުއްދަތަކީ ދެ މަސް ދުވަހެވެ.

ހައްޖު އަދި އުމުރާ ތަކާފުލްގައި ބައިވެރިވެފައިވާ ފަރާތެއް ހައްޖު ނުވަތަ އުމުރާގެ އަޅުކަން އަދާ ކުރަމުން ދަނިކޮށް ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެއްޖެ ނަމަ 100،000 ރުފިޔާގެ ބަދަލެއް ލިބިގެންދާނެ އެވެ. ސިއްހީ އަވަސް ފަރުވާ ހޯދުމަށް ހިނގާ ހަރަދުގެ ބަދަލެއްގެ ގޮތުގައި 100،000 ރުފިޔާގެ ބަދަލެއް ލިބޭނެ ކަމަށް އަޔާދީ ތަކާފުލްއިން މައުލޫމާތުދެ އެވެ.

އަޔާދީ ތަކާފުލް އިން ބުނީ ހައްޖު ނުވަތަ އުމުރާގެ އަޅުކަން އަދާ ކުރަމުން ދަނިކޮށް އެނދުމަތި ވެއްޖެ ނަމަ 1500 ރުފިޔާއާ ހަމައަށް ބަދަލު ލިބޭނެ ކަމަށެވެ. އަދި މި ނިޒާމުގެ ދަށުން ޗެކިން ކޮށްފައި ހުންނަ ފޮށި ފަދަ ތަކެތި ގެއްލިއްޖެ ނަމަ 15،000 ރުފިޔާގެ ބަދަލެއް ލިބޭނެ އެވެ. އަދި ފޮށި ފަދަ ތަކެތި ގެއްލިގެން ނުވަތަ ލަސްވެގެން ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 2400 ރުފިޔާ ލިބޭނެ އެވެ. އަޔާދީ ތަކާފުލް އިން ބުނީ ޕާސްޕޯޓު ގެއްލިއްޖެ ނަމަ 1500 ރުފިޔާ ބަދަލެއްގެ ގޮތުގައި ލިބޭނެ ކަމަށެވެ.

ފައިސާ ނުވަތަ އަގުހުރި ތަކެތި ގެއްލިއްޖެ ނަމަ 5000 ރުފިޔާގެ ބަދަލެއް ލިބޭ އިރު ގާނޫނީ ގޮތުން އެހެން ފަރާތަކަށް ބަދަލު ދޭން ޖެހިއްޖެ ނަމަ 100،000 ރުފިޔާގެ ބަދަލެއް ލިބޭނެ އެވެ.

ހައްޖު އުމުރާ ތަކާފުލްގައި ބައިވެރިވުމަށް ހައްޖުގެ އަޅުކަން އަދާ ކުރަން ބޭނުންވާ ފަރާތްތަކުން 1000 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އަދި އުމްރާގައި ބައިވެރިވާ ފަރާތަކުން 850 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެލައިޑް އިންޝުއަރެންސުން ބުންޏެވެ.