ވަޒީފާއަދާކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ރޯދަ އިނާޔަތް ދިނުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އިއްޔެ މަޖިލީހަށް ފޮނުވި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.

އެބިލާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އެންމެންނަށް ވެސް ހަމަހަމަ އުސޫލުން ރޯދަ އިނާޔަތް ދިނުމަށް ކަމަށެވެ.

"އެންމެން ވެސް ހިފަނީ ރޯދަ. އެހެންވީމަ ކޮންމެ މުވައްޒަފަކަށް ވެސް ރޯދަ އިޔާނަތް ލިބެންޖެހޭނީ އެއްވަރަކަށް،" ރިޔާޒު ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫގައި ވަނީ ރޯދަ މަސް ފެށުމުގެ ކުރިން، ކޮންމެ މުސްލިމު މުވައްޒަފަކަށް ވެސް އެ މީހަކަށް ލިބޭ މުސާރައިގެ ތިން ބައިކުޅަ އެއްބައި ދޭންޖެހޭނެ ކަމަށެވެ.

މުސާރައިގެ ތިން ބައިކުޅަ އެއްބައި 2،000 ރުފިޔާއަށް ވުރެ ކުޑަ ނަމަ ދޭން ޖެހެނީ 2،000 ރުފިޔާ ކަމަށާއި މުސާރައިގެ ތިން ބައިކުޅަ އެއްބައި 10،000 ރުފިޔާއަށްވުރެ ގިނަ ނަމަ ދޭން ޖެހޭނީ 10،000 ރުފިޔާ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާއެކު ދިނުމަށް ބަޖެޓުން މަދުވާ ފައިސާ މީގެކުޑަދުވަސްކޮޅެއްކުރިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ހަމަޖައްސަވައިދެއްވާފައެވެ.