19 May 2015, 12:03
މޭ މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލަދިން މައްސަލައާ ގުޅިގެން ހޯދަމުންދިޔަ މީހަކު އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މޭޑޭގެ މުޒާހަރާއާ ގުޅިގެން ރޭ ހައްޔަރު ކުރީ އުމުރުން 51 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ ރާއްޖޭން ބޭރުން އައި ފުލައިޓަކުން ރާއްޖެ އައިސް، އައިއެންއައިއޭގައި ހުއްޓައި ރޭ 8:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓުން އަމުރެއްގެ ދަށުންނެވެ.
ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މެއި އެއް ވަނަ ދުވަހު ކުރި މުޒާހަރާގައި މިހާތަނަށް 14 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.