19 May 2015, 12:29
ރ. އިފުރުގައި ހަދަމުން އަންނަ ސަރަހައްދީ އެއާޕޯޓަށް، ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރާ ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ އިފުރު އެއާޕޯޓް މި މަހު 28 ވަނަ ދުވަހު ރަސްމީކޮށް ހުޅުވައި މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ރަސްމީ ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.
އިފުރު އެއާޕޯޓަށް އެއްކޮޅު ޓިކެޓް 777 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާ އިރު ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައި ވަނީ 1554 ރުފިޔާއަށެވެ.
"މިހާރުން ފެށިގެން އިފުރު އެއާޕޯޓަށް ކުރާ ދަތުރު ތަކުގެ ޓިކެޓް ގަނަން ލިބޭނެ،" ނަޝާތު ވިދާޅުވި އެވެ.
ބާރަ ސަތޭކަ މީޓަރުގެ ރަންވޭއެއް އޮންނަ އިފުރު އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދަނީ ކޯސްޓްލައިން ކުންފުނިން ނެވެ.
އިފުރު އެއާޕޯޓްސް އިންވެސްޓްމަންޓް ޕުރައިމެޓް ލިމިޓެޑް އާއި އައިލެންޑް އޭވިއޭޝަނާއި ދެމެދު މެނޭޖްމަންޓު ކޮންޓުރެކްޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އިފުރު ތަރަައްގީ ކުރުމުގެ މަސައްކަތް އިފުރު އިންވެސްޓްމަންޓާ ހަވާލުކުރީ ރިސޯޓް ތަރައްގީ ކުރުމަށް ތިން ރަށް ދޭ ގޮތަށް މެއި، 2011ގަ އެވެ.