ފިހާރައަކުން ދެ ބޮނޑި ރޭޒަރުތިލަ ވަގަށް ނެގި މީހަކު އެއްއަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މ.ނޮރަންމަ، ހުސައިން މިޔާދު،35ގެ މައްޗަށެވެ.

މިޔާދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ 6:30 އެހާކަންހާއިރު "ހޯމް ޕްލާޒާ" ފިހާރައިން 710 ރުފިޔާގެ އަގުހުރި ޖިލެޓް ބްރޭންޑްގެ ދެ ބޮންޑި ރޭޒަރުތިލަ ވަގަށް ނެގިކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ އިއުތިރާފުމުންނެވެ.

މިއީ އޭނާގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.