ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދީ، އިތުރަށް ރައްކާތެރިކޮށްދިނުމާ ބެހޭ ހަތަރު ގަވާއިދެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އިން ފަށައިފި އެވެ.

އެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު މޫކައި ހޮޓެލްގައި ބޭއްވި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ލޯ އެންޑް ޖެންޑާ ހިންގެވުމާ ހަވާލުވެ ހުންނެވި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ މި ސަރުކާރުން ވޭތުވެ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދީ ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ ކަމަށް އަނިލް ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަފާތު ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީން އެނގިއްޖެ، ނަމަވެސް އެކަންކަން އަަމަލީ ގޮތުން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާނެ އުސޫލުތަކާއި މިންގަނޑުތަކާ އިތުރު ތަފްސީލްތައް އެބަ އަންނަންޖެހޭ، އެހެންްކަމުން އެކަމާ ބެހޭ ހަތަރު ގަވާއިދެއް އެބަ އަންނަންޖެހޭ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ކަމާ ބެހޭ ފަރާތްތަކުުގެ މަޝްވަރާއާއެކު މިއަދު ހަވީރާ ހަމައަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ހަބަރުތަކާއި މަންޒަރުތައް މީޑިއާތަކުން ގެނެސްދޭއިރު އިންޓަނޭޝަން ސްޓޭޓަޓްގައި ހުންނަ ކޮންކޮން ކަންތައްތަކެއް ތޯ ބަލައި އެކަމާ ބެހޭ ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭންޖެހޭ ތައުލީމީ ސިއްހީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތަކާ ބެހޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްދާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދިނުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް މަދުވުމާއި ލިބޭ ފައިސާގެ މަދުކަން ކަމަށާއި ނަމަވެސް މި އަހަރުގެ ބަޖެޓް އެކުލަވާލިއިރު މިނިސްޓްރީ އެންޑް ލޯ އެންޑް ޖެންޑާ އަށް ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ލިބިފައިވާ ބަޖެޓަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމާ އަދި އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނު ވުޒޫދަށް އައިސްފައި ވަނީ 2010 ގަ އެވެ. އަދި އެ ގާނޫނުގެ ދަށުން އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކައުންސިލެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.