19 May 2015, 11:18
ނިއުރޭޑިއަންޓްގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ވެސް ދެމެޗަށް ސަސްޕެންޑް ކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ނިންމައިފިއެވެ.
ރިލޭ ދެމެޗަށް ސަސްޕެންޑް ކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ނިންމާފައިވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ނިއުރޭޑިއަންޓާ ވިކްޓްރީ ބައްދަލު ކުރި ލީގްގެ ފުރަތަމަ މެޗްގައި ވިކްޓްރީގެ ހަސަން ޒިއާން މުޙައްމަދަށް ބޯޅަ ނެތީސް ހަމަލާ ދިނުމާ ގުޅިގެންނެވެ.
ދެ ވަނަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކުރި މިފައުލާ ގުޅިގެން އެމެޗްގެ ދެ ވަނަ ހާފްގައި ކުޅެން ނިކުތް ރިލޭއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އެފްއޭއެމްއިން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ އެއިދާރާގެ ޑިސްޕްލިނަރީ ކޮމިޓީއިން މިމައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑް (ހައްޓަށް ހަމަލާ ދިނުން) ހިމެނޭ 37 ވަނަ މާއްދާއަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
ދެ މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރަށް 4000 ރުފިޔާއިން ރިލޭ ޖޫރިމަނާ ކުރުމަށްވެސް ޑިސިޕްލިނަރީ ކޮމިޓީއިން ވަނީ ނިންމާފައެވެ.
ސަސްޕެންޑު ކޮށްފައިވާ މުއްދަތު ހަމަވުމުގެކުރިން ޖުރިމަނާގެ ފައިސާ ދެއްކުމަށް އެފްއޭއެމް އިން ވަނީ ރިލޭއަށް އަންގާފައެވެ.
ރިލޭގެ ކުޅުން އެންމެ ފުރަތަމަ ފާހަގަ ވެފައިވަނީ އިންޓަރ ސްކޫލް ފުޓްބޮޅަ މުބާރާތުގައި އިސްކަދަރު ސްކޫލްގެ ޓީމުންނާއި ފަހުން ދަރުމަވަންތަ ސްކޫލްގެ ޓީމުންނެވެ.
ރިލޭ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފަށާފައިވަނީ ކުލަބު ވެލެންސިއާއިންނެވެ. އެގޮތުން އޭނާ ވަނީ 2006 އިން 2011 ވަނަ އަހަރުގެ ނިޔަލަށް ވެލެންސިއާގައި ހޭދަކޮށްފައެވެ. 2012 ވަނަ އަހަރު ވިކްޓްރިއަށް ބަދަލުވުމަށްފަހު 2013 ވަނަ އަހަރު އޭނާ ބަދަލުވީ މިހާރުގެ ކުލަބް ނިއުރޭޑިއަންޓަށެވެ.
މިދިޔަ އަހަރު މާޒިޔާއަށް ކުޅުމަށްފަހު އޭނާ އަލުން ނިއުއާ ގުޅުނީ މިސީޒަންގައެވެ.
ރިލޭއަކީ ގައުމީ ޓީމްގެ ޑިފެންސްގައިވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިޔެކެވެ.