ފުވައްމުލަކު ގޮނޑުދޮށަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި އެވެ.

ފުވައްމުލަކު ދަނޑިގަމު ކައުންސިލްގެ ރައީސް ހުސެއިން ފަހުމީ ވިދާޅުވި އެރަށު ގޮނޑުދޮށަށް މަސް ލައްގާފައި އޮއްވައި ފެނުނީ މިއަދު ހެނދުނު 6:15 ހާއިރު ކަމަށެވެ.

ފަހުމީ ވިދާޅުވީ ދިގުމިނުގައި ހަ ފޫޓު ހުރި އެ މަސް ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި މަސް މަރުވެފައިވަނީ ބޮޑުދިޔައިގައި ގޮނޑު ދޮށަށް ލައްގާފައި އޮއްވައި ގާތަކުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

"މަސް ފެނުނުއިރު ވެސް އޮތީ ވަރަށް ފުރެސްކޮށް. ގާތަކުގައި ޖެހިގެން ހާލަކުވެފައި ހުރީމަ ކޮންމެވެސް ވަރަކަށްލޭގެ އަސަރު ހުރި،" ފަހުމީ ވިދާޅުވި އެވެ.

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ބޮޑުމަސް:ފޮޓޯ--ފުވައްމުލަކު ކައުންސިލް

ފަހުމީ ވިދާޅުވީ މަސް ވަޅުލުމަށް މިހާރު އެރަށު ކުނިގޮނޑަށް ގެންގޮސްފައިވާ ކަމަށެވެ.