ފާއިތުވެދިޔަ ދައުރުތަކުގައި އެފްއޭއެމްގައި ނުކޮށް ހުރިހާ އޮޑިޓެއް މިހާރު ނިމިފައިވާ ކަމަށް އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވިދު ވިދާޅުވެއްޖެ އެވެ.

ސަންއާ ވާހަކަ ދައްކަވަމުން ޝަވީދު ވިދާޅުވީ ވޭތުވެދިޔަ ދައުރުތަކުގައި ނުކޮށް ހުރި ހުރިހާ އޮޑިޓެއް ނިންމައި ރިވިއު އޮޑީޓްތައް ވެސް ލިބިފައިވާ ކަމަށާއި ފައިނަލް އޮޑިޓް ވެސް މިހާރު ލިބިފައި ހުރެދާނެ ކަމަށެވެ.

"ކުރީ ދައުރުތަކުގައި ނުކުރެވި އޮތް ހުރިހާ އޮޑިޓެއް މިހާރު އަޅުގަނޑުމެން ވާނީ ނިންމައިފައި. އަދި ރިވިއު އޮޑިޓްތައްވެސް ވަނީ ނިމިފައި. އަޅުގަނޑަށް ހީވަނީ މިހަރު ފައިނަލް އޮޑިޓް ވެސް ރިސީވްވެފަހެން ހުންނާނީ،" ޝަވީދު ވިދާޅުވިއެވެ.

ޝަވީދު ވިދާޅުވީ އެ އޮޑިޓްތަކަށް ބަލާފައި ނަގަންޖެހޭ އެކްޝަނެއް ވިއްޔާ ނަގާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެފްއޭއެމްގެ ކަންތައްތައް ކުރިއަށް ގެންދާނީ މިހާރަށްވުރެ ހާމަކަން ބޮޑު ގޮތަކަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ހަ އަހަރު ކުޅިވަރުގެ ކަންތައްތައް ހާއްސަކޮށް ފުޓްބޯޅައިގެ ކަންތައްތައް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި އެފްއޭއާއި ކުލަބްތަކާއި ސަޕޯޓަރުންނާއި ކުޅިވަރުގެ އެހެން މުއައްސަސާތައް ގުޅިގެން އަލުން ކޮޅަށް ޖެހުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.