ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ވައްކަން ކުރި މީހަކު ތިން އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

ކޯޓުން ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ނ. ވެލިދޫ، ސައުތުސްޓާ، ޖިހާދު މުހައްމަދު (30 އ.)ގެ މައްޗަށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޖިހާދު މުހައްމަދު ޕޮލިސްޓޭޝަން އިން ވައްކަން ކޮށްފައި ވަނީ، ފެބްރުއަރީ،8، 2012ގައި ވެލިދޫ އިން ފުލުހުން ބޭލުމާ ގުޅިގެން ޕޮލިސް ސްޓޭޝަން ބަންދުކޮށްފައި ވަނިކޮށެވެ.

ޖިހާދުގެ މައްޗަށް އުފުލާފައިވާ ވައްކަން ކުރުމުގެ ކުށުގެ ދައުވާ ބެލުމަށް ފަހު ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި ވަނީ ޕޮލިސްސްޓޭޝަން އަށް ވަދެ އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާފައި ވާތީ އެ ވައްކަމުގައި ބައިވެރިވެ ވައްކަން ކުރިކަމަށް ބުނެ ދަޢުލަތުން އުފުލާފައިވާ ދަޢުވާއަށް 2015 މެއި 13 ވަނަ ދުވަހު ޝަރީއަތުގެ މަޖީލީހުގައި އިއުތިރާފްވެފައިވާ ކަމަށެވެ.

"އަލްއިޢުތިރާފް ސައްޔިދުލް އަދިއްލަ"ގެ މައްދަށް ރިޢާޔަތްކޮށް ޖިހާދު މުޙައްމަދުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބުނާ މިންވަރަށް ސާބިތުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މުޙައްމަދު ޖިހާދު ވައްކަންކުރުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅައި އެފަދަ ބާވަތުގެ ކުށެއް ޖިހާދުގެ މައްޗަށް ސާބީތުވީ މިއީ ފުރަތަމަ ފަހަރު ކަމަށް ފުލުހުން ބުންޏެވެ.