19 May 2015, 09:09
ބްރަސަލްސް (މޭ 19): މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް އެހެން ގައުމުތަކުގެ މީހުން ޣައިރު ގާނޫނީ ގޮތުން ޔޫރަޕަށް އެތެރެ ކުރަނީ ހިޔުމަން ޓްރެފިކިންގައި ހަރަކާތްތެރިވާ ގޭންގް ގްރޫޕްތައް އަޑީގައި ތިބެގެން ކަމަށާއި އެ ގޭންގްތަކާ ކުރިމަތިލާނެ ކަނޑުގެ ޚާއްސަ ބާރެއް އުފެއްދުމަށް ޔޫރަޕްގެ އިއްތިޙާދުން ނިންމައިފި އެވެ.
ޔުރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންނާއި ދިފާއީ ވަޒީރުން ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ބައްދަލު ކުރައްވައި ނިންމަވާފައި ވަނީ އެހެން ގައުމުތަކުގެ މީހުން ޔޫރަޕްގެ ބައްރަށް އެތެރެ ކުރުމަށް މަސައްކަތްކުރާ ގޭންގްތަކާ ހަނގުރާމަކޮށް ޣައިރު ގާނޫނީ ހިޖްރައިގެ އަމަލުތައް ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނެ ކަނޑުގެ ޚާއްސަ ބާރެއް އުފެއްދުމަށެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންކަމާ ބެހޭ ވިލަރެސް ވެރިޔާ ފްރެޑްރިކާ މޮގޮރީނީ ވިދާޅުވި ގޮތުގައި މިބާރުގެ ބޭނުމަކީ މިފަދަ ގޭންގްތަކަށް ނިސްބަތްވާ މީހުން ހިފައި ހައްޔަރުކޮށް ޣައިރު ގާނޫނީ ހިޖްރައިގެ ހަރަކާތްތައް މުޅިން ހުއްޓުމަކަށް ގެނައުމެވެ.
ކުދިކުދި ބޯޓުތަކުގައި މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް ޔޫރަޕްގެ ބައްރަށް ހިޖްރަކުރާ އެހެން ގައުމުތަކުގެ މީހުން އެ ބޯޓުތަކަށް އަރުވަނީ ގޭންގްތައް އަޑީގައިތިބެގެން ގޭންގްތަކަށް ބޮޑު ނާޖާއިޒް ފައިދާއެއް ލިބޭ ގޮތަށް ކަމަށް ޔޫރަޕްގެ ގައުތަކުން ބުނެ އެވެ. މިފަދަ ބޯޓުތަކުގެ މިސްރާބު މައިގަނޑު ގޮތެއްގައި ހުންނަނީ އިޓަލީއާ ދިމާއަށެވެ. މިފަދަ ބޯޓުތަކަށް ނުތަކާވަރަށް މީހުން އެރުވުމުގެ އިތުރުން އެއީ ކަނޑުމަތީގައި ދަތުރުކުރެވޭ ވަރަށްވުރެ ދެރަވަރު އަދި ރޫޅޭ ހިސާބުގައިވާ ބޯޓުތަކެކެވެ.
މިފަދަ ދެރަވަރު ބޯޓުތަކުގައި މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖްރަކުރަން މަސައްކަތްކުރި އެތަށް ސަތޭކަބަޔަކު ދާދި ފަހުން ވަނީ އެކަނޑަށް ޣަރަގުވެފައެވެ. (ބީބީސީ)