19 May 2015, 00:54
ޗައިނާއާއި އިންޑިއާއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ގޮތުން އިންޑިއާއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރީންނަށް 'އިލެކްޓްރޯނިކް ވިސާ" ދޫކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މޯދީ، ޗައިނާއަށް ކުރެއްވި ތިންދުވަހުގެ ދަތުރުފުޅުގައި މިދިޔަ ހުކުރު ދުވަހު ޗައިނާގެ ސިންހުއާ ޔުނިވާސިޓީގެ ދަރިވަރުންނާ މުހާތަބުކުރައްވައި ވިދާޅުވީ، މިހިނގާ 2015 ވަނަ އަހަރަކީ ޗައިނާގައި އިންޑިއާގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރު ކަމަށެވެ. އެގޮތުން " ޗައިނާގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓޫރިސްޓް ވިސާ ދޫކުރަން އަހަރެމެން ނިންމައިފިން،" ކަމަށް މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ، މުޅި ދުނިޔޭގެ އާބާދީގެ 33 ޕަސެންޓް ހިއްސާކުރަނީ ޗައިނާއާއި އިންޑިއާ ރައްޔިތުން ކަމަށާއި އެހެން ނަމަވެސް އެ ދެގައުމުގެ ރައްޔިތުންނަށް އެއްބަޔަކު އަނެއްބަޔަކާ ބެހޭގޮތުން އެނގެނީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އެހެންކަމުން އެއްގައުމުގެ ރައްޔިތުން އަނެއްގައުމަށް ޒިޔާރަތްކޮށް އެކުވެރިކަން ބަދަހިކޮށް އެއްބަޔަކު އަނެއްބަޔަކު ރަނގަޅަށް ދަސްކުރާން ޖެހޭކަމަށް ވިދާޅުވ ިއެވެ.
އިންޑިއާގެ ފަތުރުވެރިކަން ވަރުގަދަކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގެ ދަށުން އެގަމުންދަނީ ޗައިނާ ފަތުރުވެރިން އިންޑިއާއަށް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިއާއިން ދަނީ 'ވިޒިޓް އިންޑިއާ'ގެ ޝިއާރުގެ ދަށުން ޗައިނާގައި ހާއްސަ ކެމްޕޭންތަކެއް ކުރިއަށް ގެންދަމުންނެވެ.
މިދިޔަ އަހަރު އިންޑިއާއަށް ދެލައްކައާ ގާތްކުރާ އަދަދަކަށް ޗައިނާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އަވައްޓެރި ނޭޕާލް، ސްރީލަންކާ އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރީންގެ ނިސްބަތް ވަރަށް ބޮޑުތަން އިތުރެވެ.
އިންޑިއާ ދެކޭގޮތުގައި ޗައިނާގެ ފަތުރުވެރީން އެގައުމަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރެވިއްޖެ ނަމަ، ×ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތައް އިންޑިއާއަށް ގެނައުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ބޮޑުވަޒީރު މޯދީގެ 'ތްރީ-ނޭޝަން ޓްއާ'ގައި މޮންގޯލިއާ އާއި ޗައިނާއަށް ވަޑައިގަތުމަށްފަހު އެދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު ވަނީ ދެކުނު ކޮރެއާއަށް ވަޑައިގެންފައެވެ. – (ޒީނިއުސް)