އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަމިއްލަފުޅަށް ޓްވީޓްކުރެއްވުމަށް ޓްވިޓާ އެކައުންޓެއް ހުޅުވައިފި އެވެ.

" މި އެކައުންޓުން ޓްވީޓް ކުރައްވާނީ ސީދާ ރައީސް އަމިއްލަފުޅަށް،" މިއަދު ހެނދުނު ހުޅުވި އެކައުންޓާ ބެހޭގޮތުން ވައިޓް ހައުސް އިން ބުނެފައިވެއެވެ.

އޮބާމާ އަމިއްލަފުޅަށް ޓްވީޓްކުރެއްވުމަށް 'ކްރިއޭޓް'ކުރެއްވި އެކައުންޓަކީ @POTUSއެވެ.

" އޮބާމާ ބޭނުންފުޅުވަނީ އޮބާމާގެ ސަރުކާރަކީ އެންމެ ބޮޑަށް ހުޅުވާލެވިފާވާ އަދި ތާރީޚުގައި ވެސް ރައްޔިތުންނާއި އެއްމެ ގުޅުން ބޮޑު ސަރުކާރަށް ވާން،" ވައިޓް ހައުސް އިން ނެރުނު ސްޓޭޓްމެންޓެއްގައި ވެއެވެ.

އޮޮބާމާގެ އެކައުންޓް މިހާރު ވަނީ ޓްވިޓާ އިން ވެރިފައިވެސް ކޮށްފައެވެ.

އޮބާމާގެ ފުރަތަމަ ޓްވީޓްގައި ވަނީ 'ހެލޯ ޓްވިޓާ. މިއީ ބަރަކް" އެވެ. މި ޓްވީޓް ވަނީ އެއް ލައްކަ ފަރާތުން ރިޓްވީޓްކޮށްފައެވެ.

އެމެރިކާގެ ނައިބް ރައީސް ޖޯބައިޑަން އާއި އޮބާމާގެ އަނބިކަނބަލުން މިޝޭލް ވަނީ އޮބާމާއަށް މަރުހަބާ ދަންނަވާފައެވެ.