ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރާ މެދު ދަތި ކުރުމުގެ ބޮޑެތި ފިޔަޅުތަކެއް މި މަހުގެ ފަހުކޮޅު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަޅާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހެންވޭރު ޖަހަގަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝިފާޒު ވިދާޅުވީ އީޔޫގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ ޔޫރަޕިއަން ޔޫނިއަންގެ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އަޅުގަނޑުމެންނަށް އެބަ ފެނެއޭ. މިމަހު ފަހުކޮޅު އެބޭފުޅުންގެ ފިޔަވަޅު މިރާއްޖެއާދޭތެރޭ ބޮޑުކޮށް އަޅާތަން އަޅުގަނޑުމެންނަށް ފެންނާނެ،" ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ މި ސަރުކާރަށް ބައިނަލްއަގުވާމީ ޕްރެޝަރު ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަ ކަމަށާއި އެންމެ ބޮޑު ޕްރެޝަރެއް ސަރުކާރަށް ކުރިމަތިވަނީ އީޔޫއިން ކަމަށެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރަން ސަރުކާރުން ނިންމާފައި ވަނީ އެސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރާއެކު މަޝްވަރާކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދެއްވި ދައުވަތު މިހާތަނަށް ގަބޫލުކޮށްފައި ވަނީ ޖުމްހޫރީ ޕާޓީން އެކަންޏެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަކީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ނައިބު ލީޑަރު އިލްހާމް އަހްމަދާއި ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއުރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.

ޖުމްހޫރީ ޕާޓީއާއެކު ކުރާ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަކީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ.