18 May 2015, 21:59
މާވަހަރެއް ކަމަށް ބެލެވޭ ގާތްގަނޑަކަށް 12 ކިލޯގެ ހުދު އެއްޗެއް ގދ. ތިނަދޫ ބަޔަކު އެ ރަށު ފަރާ 300 ވަރަކަށް ފޫޓް ދުރުން ހޮވައިފި އެވެ. އެ "މާވަހަރު" ފެނިފައި ވަނީ ޑިންގީ އެއްގައި މަސްވެރިކަން ކުރަން ތިބި ޒުވާން ކުދި ބަޔަކަށެވެ.
'ސަން' އަށް މަައުލޫމާތު ދެއްވަމުން ގދ. ތިނަދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އައްސަދު މިރޭ ވިދާޅުވީ އެއީ މާވަހަރެއް ކަމަށް ބެލެވޭ ވަރަށް ގިނަ ނިޝާންތައް އެބަހުރި ކަމަށެވެ. މިކަން ޔަގީން ކުރުމަށް މާލެ އަށް ސާމްޕަލް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
"އޭތީގައި އަތްލައިފައި އިރުކޮޅަކުން އަތުން މީރު ވަސް ދުވާ،" އައްސަދު ވިދާޅުވި އެވެ. މާވަހަރު ކަމަށް ބެލެވޭ އެތި ހޮވި ޑިންގީގައި ތިބީ 17 އަހަރާއި 25 އަހަރާ ދެމެދުގެ ތިން ޒުވާނުން ކަމަށް 'ސަން' އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި މާވަހަރު ކަމަށް ލަފާކުރެވޭ އެތި ހޮވި ޒުވާނުންނަކީ ދިރޭ ކުދި މަސް މާލެ އަށް ފޮނުވުމުގެ މަސައްކަތްކުރާ ބައެއް ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.