18 May 2015, 22:08
ސްޕީޑް ލޯންޗްތަކެއް ގަތުމަށް ގަލްފް ކްރާފްޓް ސަވިސް އާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ހެނދުނު އޮތް ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުހައްމަދު އެވެ. އަދި ގަލްފު ކްރާފްޓް ސަވިސް ސެންޓަރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖާ ޝުވައިދާ ޝަމީމް އެވެ.
ފުލުހުން ބުނީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމާއި ކަނޑުމަގުން ފުލުހުން ދެމުންދާ ޚިދުމަތްތައް މިހާރަށް ވުރެ ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ހަތަރު ލޯންޗު އެ އެއްބަސްވުމުގެ ދަށުން ގަންނާނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ގަތުމަށް ހަމަޖެހިފައި ވަނީ ގަލްފު ކްރާފްޓް ޓާނިންގް 45 (40 މީހުންގެ ޖާގަ) ގެ ލޯންޗަކާއި ޓާނިންގް 38 (27 މީހުންގެ ޖާގައިގެ)ގެ ދެ ލޯންޗްގެ އިތުރުން ވޯލްކްއެރައުންޓް 36 (15 މީހުންގެ ޖާގައިގެ) ހާރބަ ޕެޓްރޯލް ލޯންޗެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.