އެސްޓީއޯ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން، ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނަށް ސްޕީޗް ތެރަޕިސްޓެއް ސްޕޮންސާ ކޮށްދީފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ހަފްލާއެއްގައި ސްޕީޗް ތެރަޕިސްޓް ސްޕޮންސަރކުރި ކަމުގެ ލިޔުން ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފައުންޑަރު އައިޝަތު ޝިފާ އާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަހީރެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝަހީރު ވިދާޅުވީ، އެސްޓީއޯގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ބިއުޓިފުލް އައިސްއަށް މީގެ ކުރިން ވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައި ވާކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް އޮތް ތާނގައި އެސްޓީއޯ ސީއެސްއާރް ޕްރޮގްރާމުގެ ދަށުން ވަކި ބަޖެޓެއް ކަނޑަ އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.

" ކުރިއަށް އޮތް ތަނުގައި ވެސް އެސްޓީއޯއަށް އެހީވެވެން އޮތް ވަރަކުން ބިއުޓިފުލް އައިސް އަށް އެހީތައް ފޯރުކޮށްދެމުން ގެންދާނެ ވާހަކަ ދަންނަވަން،" ޝަހީރު ވިދާޅުވިއެވެ.

ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން އެސްޓީއޯއަށް ހަނދާނީ ފިލައެއް އަރުވަނީ -- ފޮޓޯ: އެސްޓީއޯ

ޑައުން ސިންޑްރޯމް ކުދިންނަށް އެސްޓީއޯގެ ފަރާތުން ދެމުންގެންދާ އެހީތެރިކަން ފާހަގަކޮށް އެ ކުންފުންޏަށް ޝުކުރު އަދާކުރަމުން ބިއުޓިފުލް އައިސްގެ ފައުންޑަރު ޝިފާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އެސްޓީއޯގެ މިފަދަ އެހީތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސްޕީޗް ޑިލޭގެ ސަބަބުން ޑައުން ސިންޑްރޯމް ކުދިންނަށް އެކުދިންގެ އެހެނިހެން ހުނަރުތައް ކުރިއެރުމަށް ބުރޫ އަރާކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ، " ސްޕީޗް ތެރަޕިސްޓެއް ސްޕޮންސަރ ކުރުމަކީ މިވަގުތު ބިއުޓިފުލް އައިސްގައި ތިބި ކުދިންނަށް ވެވެން އޮތް އެންމެ ބޮޑު އެއް އެހީ،" ކަމަށެވެ.

މިއަދުގެ އެ ހަފްލާގައި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފަރާތުން އެސްޓީއޯއަށް ހަނދާނީ ފިލައެއް ހަވާލުކުރުންވެސް އޮތެވެ.