ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހުށަހެޅުން ގަބޫލުކޮށް ސަރުކާރާއެކު މަޝްވަރާކުރަން ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީންގެ ދައުވަތު ގަބޫލުކުރިކަން ސިޓީއަކުން ރައީސް އޮފީހަށް މިއަދު އަންގާފައިވާނެ ކަމަށެވެ.

އެޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަކީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ނައިބު ލީޑަރު އިލްހާމް އަހްމަދާއި ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއުރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.

ޖުމްހޫރީ ޕާޓީން ބުނީ ސަރުކާރާއެކު ކުރެވޭ މަޝްވަރާތަކަކީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ސިޔާސީ އިޖުތިމާއީ އަދި އިގްތިޞާދީ މައްސަލަތަކަށް އެންމެ އަކަށޭނެ ހައްލެއް ލިބިގެންދާނެ މަޝްވަރާތަކަކަށް ވެގެންދާނެ ކަމަށް އެޕާޓީން އުންމީދުކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަނީ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި އެމްޑީޕީއަށް ވެސް މަޝްވަރާއަށް ދައުވަތު އަރުވާފައެވެ. އެހެންނަމަވެސް ރައީސްގެ ސިޓީފުޅާ ގުޅޭގޮތުން އެ ދެ ޕާޓީން ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އަދާލަތު ޕާޓީން ކުރިން ބުނެފައި ވަނީ އެޕާޓީން ސަރުކާރާ އެކު މަޝްވަރާކުރާނީ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވެސް ބައިވެރިވެވަޑައިގެންނެވޭގޮތަށް އެފަދަ ބައްދަލުވުމެއް ބާއްވާނަމަ ކަމަށެވެ. އެމްޑީޕީން ބުނެފައި ވަނީ އެޕާޓީން ސަރުކާރާއެކު މަޝްވަރާކުރަނީ އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން އަލީ ވަހީދު އެ ބައްދަލުވުމުގައި ބައިވެރިކުރުމުން ކަމަށެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ ސަރުކާރުން އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރަން ބޭނުންވަނީ މައިގަނޑު ތިން ކަމަކާ ގުޅޭގޮތުން ކަމަށެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ: އިދިކޮޅު ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވޭ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޭގެތެރެއިން ފުރަތަމަ ކަމަކީ ޕޮލިޓިކަލް ރިކޮންސިލިއޭޝަނެއް ގާއިމްކުރުމަށްޓަކައި ސިޔާސީގޮތުން އުފެދިފައިވާ ނުތަނަވަސްކަމާއި، ޚިޔާލުތަފާތުވުންތަކާ ގުޅެގޮތުން ގާނޫނީ ނިޒާމްތަކުގެ ތެރެއިން ހައްލުތަކެއް ހޯދުމާއި، ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމާގުޅޭ ގޮތުނެވެ.

ދެވަނަ ކަމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ވޭތުވެދިޔަ އަހަރުތަކުގެ ތަޖްރިބާގެ އަލީގައި އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހިންގުމަށްޓަކައި، ރާއްޖޭގެ ދުސްތޫރީ ނިޒާމާއި، ގާނޫނީ އަދި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުނެވެ.

ތިންވަނަ ކަމަކީ ގައުމު ބިނާކުރުމަށްޓަކައި، އަދި ގައުމާއި ރައްޔިތުންގެ ތަރައްގީ ގާއިމްކުރުމުގެ ގޮތުން، އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމުގައި ސިޔާސީ ހުރިހާ ފިކުރެއްގެ ފަރާތްތައް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް މަޝްވަރާ ކުރުމެވެ.