18 May 2015, 19:37
މިމަހު 27 ވަނަ ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) ހިމަނައިގެން މެލޭޝިއާއިން ހޮވާލެވޭ ޓީމުން އެގައުމުގައި ކުޅޭ މެޗް ޓީވީއެމްއިން ލައިވް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
ކުޅިވަރު އެކުވެނީގެ ތިން ނަންބަރު ދަނޑުގައި ޓާފް ދަނޑެއް ޤާއިމު ކުރުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ، އެމެޗް ލައިވް ކުރުމުގެ ކަންކަމާ ބެހޭގޮތުން ޓީވީއެމްއާއެކު މަޝްވަރާތައް ކުރިއަށް ގެންދާކަމަށާއި އުންމީދު ކުރަނީ އެމެޗް ލައިވް ކުރެވޭނެ އިންތިޒާމް ހަމަޖެހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ކެޕްޓަން މެލޭޝިއާގެ ޓީމާއެކު ޓޮޓެންހަމްއާ ދެކޮޅަށް ކުލޭ މެޗް ވަގުތުން ދެއްކުމަށްޓަކައި ޓީވީއެމްއާ އެކު މަޝްވަރާ ކުރަމުން މިގެންދަނީ. އިރާދަ ކުރެއްވިއްޔާ އެމެޗްވެސް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ބެލޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރަން،" މަލީހް ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މިނިސްޓަރު މަލީހް. ދަގަނޑޭ ކުޅޭ މެޗް ޓީވީއެމްއިން ވަގުތުން ދުރަށް ފޮނުވުމަށް މަޝްވަރާ ކުރަމުންދާކަމަށް މިނިސްޓަރު މަލީހް ވިދާޅުވި --- ސަން ފޮޓޯ/ ޢަލީ ނަޞީރު
ޓޮޓެންހަމާ ދެކޮޅަށް ނުކުންނަ މެލޭޝިއާގެ ޓީމުން ދަގަނޑޭއަށް ފުރުސަތު ލިބުނީ އެ ގައުމުގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިން ހިމެނުމަށް މެލޭޝިއާގެ އެފްއޭއިން ހުއްދަ ދިނުމުންނެވެ.
މެލޭޝިއާ ލީގްގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިޔަކު ޓީމްގައި ހިމެނުމަށް ނިންމީ އެގައުމުގެ ދެ ކުލަބް ކަމަށްވާ ޕާހާންގް އާއި ޖޭޑީޓީއަށް ކުޅޭ މެލޭޝިއާ ގައުމީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިންނަށް އޭއެފްސީ ކަޕްގައި މެޗްތައް ކުޅެން ހަމަޖެހިފައިވުމުން ޓޮޓެންހަމްގެ މެޗްގައި ނުކުޅެވޭނެތީ އެވެ.
ދަގަނޑޭ މެލޭޝިއާގެ ޓީމުގައި ހިމެނި ސަބަބާބެހޭ ގޮތުން މިދިޔަ ސީޒަންގައި ޕީޑީއާރްއެމްގައި އޭނާއަށް ކޯޗް ކޮށްދިން ދެލާހް ޞެލާހް މެލޭޝިއާގެ ދުވަހު ނޫހެއް ކަމަށްވާ ޔޫޓޫ ސަންއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ދަގަނޑޭ އޭނާގެ ޓީމްގައި ހިމެނުމަށް ބޭނުންވަނީ ދަގަނޑޭއަކީ މިދިޔަ ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ކަމަށްވެފައި އޭނާއަކީ މިފަދަ މެޗަކަށް މުހިންމު ކުޅުންތެރިއެއް ކަމުގައިވުމުން ކަމަށެވެ.
ދަގަނޑޭ މިހާރު ވަނީ މެލޭޝިއާގެ ޓީމާއެކު އެމެޗަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށާފައެވެ.

މިމަހު 27 ވަނަ ދުވަހު ކުޅޭން ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ކެޕްޓަން ދަގަނޑޭ މެލޭޝިއާގެ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ --- ފޮޓޯ/ އަޝްފާޤު ފޭސްބުކް ޕޭޖް
މިމަހު 27 ވަނަ ދުވަހު ކުޅޭ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ގަޑިން އެރޭ 8:45 ގައެވެ.
އެމެޗް ފެށޭނީ ރައްޖޭ ގަޑިން އެދުވަހު ހަވީރު 5:45 ގައެވެ.