18 May 2015, 19:24
އދ. މަޖިލިސް (މޭ 18): އިރާގުގެ ހުޅަނގުގެ ބޮޑު ސިޓީއެއް ކަމަށްވާ އައްރަމާދީ އައިއެސްގެ އަށްދަށަށް ދިޔުމާއެކު އެ ޖަމާއަތުގެ ހަނގުރާމަވެރިން އެރަށުގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތަކެއް ހިންގައިފާނެ ކަމުގެ ބިރަށް އެތަށް ހާސް އާއިލާއެއް ގެދޮރު ދޫކޮށް ރެފިއުޖީންގެގޮތުގައި އެރަށުން ފައިބަމުން އެބަދެ އެވެ.
މިހާތަނަށް އަށް ހާހަށްވުރެ ގިނަ އާއިލާ ރަމާދީ ދޫކޮށް އަވަށްޓެރި ހިސާބުތަކަށް ހިޖްރަކޮށްފައިވާ ކަމަށް އދ.ން ބުނެއެވެ. ހިޖްރަކުރާ ރެފިއުޖީންނަށް ބޭނުންވާ ކާބޯތަކެއްޗާއި ހިޔާވަހިކަމާއި ބޭސް ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު ހިޖްރަކުރާ ގިނަ އާއިލާތައްދަނީ އަވަށްޓެރި އަލް ޢާމިރިއްޔާއަށް ކަމަށް އދ. ން ބުނެއެވެ.
އައިއެސްއަކީ އިރާގުގެ އެކި ރަށްރަށުގައި އާންމުންނާ ދެކޮޅަށް ބިރުވެރި ގަތުލުއާންމު ތަކެއް ހިންގާފައިވާ އަދި ބަދަލުހިފުމުގެ ބޭނުމުގައި އަންހެނުންނާއި ކުޑަކުދިންގެވެސް ބޯ ބުރިކުރަމުން ގެންދާ ހަރުކަށި ޖަމާއަތެކެވެ.
އައްރަމާދީ އައިއެސްގެ އަތްދަށަށް ދިޔުމާއެކު އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވަނީ އެރަށް ކައިރި މުސްތަގްބަލެއްގައި އައިއެސްގެ ވަކިތަކުން މިނިވަންކުރާނެ ކަމުގެ ޔަގީންކަން އިރާގު ރައްޔިތުންނަށް ދެއްވާފައެވެ. މީގެއިތުރުން އައިއެސްގެ ކުރިމަތީގައި ފަހަތަށް ނުޖެހުމަށްވެސް އިރާގުގެ ލަޝްކަރުތަކުގެ ކޮމާންޑަރުންނަށް އަބާދީ ވަނީ އަމުރު ކުރައްވާފައެވެ.
އައްރަމާދީ އައިއެސް ޖަމާއަތުގެ އަށްދަށަށް ދިޔަނަމަވެސް އެކަން ކަށަވަރުނުވާ ކަމަށް އެމެރިކާ ބުނެއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ އައްރަމާދީގެ ހާލަތު އަދި ސާފުނުވާ ކަމަށާއި އައިއެސްގެ ޖަމާއަތުގެ ކޮންޓްރޯލް އެސިޓީގައި އޮތްމިންވަރު ބަލަމުން ގެންދާކަމުގައެވެ.
އިރާގުގެ އަސްކަރީ މަސްއޫލުވެރިން ހާމަކުރެއްވިގޮތުގައި އައިއެސްގެ ހަނގުރާމަވެރިންގެ ގަދަފަދަ ޙަމަލާތަކާއެކު އައްރަމާދީގައިވާ އިރާގު ސިފައިންގެ އެންމެފަހު މަރުކަޒުތަކުން ރޭ އިރާކޮޅު އެމީހުން ފޭބުމުން އެސިޓީ މިހާރުވަނީ އައިއެސްގެ އަތްދަށަށް ގޮސްފައެވެ.
އައްރަމާދީ އަކީ އިރާގުގެ ހުޅަނގުގެ ބޮޑު ގަވަރނޭޓެއް ކަމަށްވާ އަލްއަންބާރުގެ ވެރިރަށެވެ. މިރަށް އޮންނަނީ ވެރިރަށް ބަޣްދާދުގެ ހުޅަނގުން ސަތޭކަ ބާރަ ކިލޯމީޓަރު ދުރުގައެވެ.
ޕެންޓަގަންގެ ތަރްޖަމާނާ އެލީސާ ސްމިތު ވިދާޅުވިގޮތުގައި އައިއެސްގެ އަތްދަށަށް ރަމާދީ ދިޔަނަމަވެސް އިރާގުގެ ދާޚިލީ ހަނގުރާމައިގެ ބާރުގެ ތިލަފަތް އެޖަމާއަތުގެ ކޮޅަށް ބުރައެއް ނުވާނެއެވެ. ނަމަވެސް މިއީ ކާމިޔާބީގެ ޕްރޮޕަގެންޑާ ތައް ފެތުރުމުގެ ފުރްސަތު އައިއެސްއަށް ލިބިގެންދާނެ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އައިއެސްގެ އަތްދަށަށް ރަމާދީ ހިނގައްޖެނަމަ އެރަށް އަލުން އަނބުރައި އިރާގު ސަރުކާރުގެ އަތްދަށަށް ގެނައުމަށް ބޭނުންވާ އަސްކަރީ އެހީތެރިކަން އެމެރިކާ އިރާގަށް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ކުރިން ވިދާޅުވެފައިވެއެވެ.
އައިއެސް އިންވަނީ އެޖަމާއަތުގެ ފުރިހަމަ ކޮންޓްރޯލް އައްރަމާދީއަށް އޮތްކަމަށް ބުނެފައެވެ. އަދި އައްރަމާދީގައި ހަނގުރާމަ ކުރަމުންގެންދިޔަ އިރާގު ސިފައިންގެ ގިނަ އަދަދެއްގެ ހަތިޔާރުތައް ޣަނީމާ ކުރެވުނު ކަމަށް އައިއެސް އިން ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)