18 May 2015, 19:13
އަމިއްލައަށް އިސްނަގައިގެން ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލާފައި ވަނީ ގިނަ އަދަދެއްގެ ރައްޔިތުންގެ ޕްރެޝަރާ ހެދި ކަމަށް އިދިކޮޅު ގައުމީ ހަރަކާތުން ބުނެފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބުރާހިމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކާއި އެކު ދެވަނަ ފަހަރަށް މަޝްވަރާ ކުރުމަށް ސަރުކާރުން ގޮވާލީ ބައިނަލް އަގުމީ ޕްރެޝަރެއް އޮވެގެން ކަމެއް އެނގިލައްވާނީ ރައީސް ޔާމީނަށް ކަމަށެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންގެ ޕްރެޝަރު އެކަމުގައިވާ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ދެވަނަ ފަހަރަށް ސަރުކާރުން ގޮވާލެއްވި އިރު އެކަމުގައި އިހުލާސްތެރި ނިޔަތެއް އޮންނަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑަށް ވެސް ސަރުކާރުން ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ފެނުނު. އެހެންނަމަވެސް އެ ސިޓީގައި ސަރުކާރުން ކޮށްފައިވާ ޝަރުތުތަކެއް ނުފެނޭ. ދެން އެއިން އަޅުގަނޑުމެންނަށް ފެނުނީ އެޖެންޑާއެއް. ދެން ހަމަ ސަރުކާރުން ވިދާޅުވެފައިވާ ގޮތަށް ކޮންމެ ޕާޓީއަކަށް ވެސް ވަކިވަކިން ސިޓީ ވަނީ ފޮނުއްވާފައި. އެހެންވީމަ ވަކިވަކިން ޕާޓީތަކުން އެއަށް ޖަވާބު ދެއްވާނެ،" އަމީން ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި އަމީން ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއާ އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދުގެ އިތުރުން މިފަހަކަށް އައިސް ސިޔާސީ ކަންކަމުގައި ޖަލަށް ލާފައިވާ ތިބި އިދިކޮޅު ފަރާތްތައް ދޫކޮށްލަ ދިނުމަށް ގޮވާލައްވައިފައެވެ.
"މިއަދުގެ ސަރުކާރުގައި ތިބި ބައެއް ފަރާތްތަކަށް ގާނޫނު އަސާސީއާ ގާނޫނުތަކާ ގަވާއިދާ އާންމު ހަމައާ ބުއްދީގެ މަންތިގާ މި އެއްޗެހި ވަރަށް ބޮޑަށް އޮޅިއްޖެ. އެ އެއްޗެހި އޮޅިގެން ދިޔަ ދިޔައިނުން މިހާރު މި އުޅެނީ ހައްދު ފަހަނަ އަޅައިގެން ގޮސްފައި މިވަނީ މި އަނިޔާވެރިކަން ވެސް. އެބޭފުޅުންނަށް ތަންކޮޅެއް ރަނގަޅަށް އަޅުގަނޑަށް ހީވަނީ ދަންނަވާލަން ޖެހޭހެން ގާނޫނުތަކާ އެއްޗެހިން ބައްލަވާ ލައްވާށޭ. ބަންދުގައި ހުންނަ މީހަކު އޭނާ ބަންދުން ދޫކޮށްލަން ގޮވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ނޫން،" އަމީން ވިދާޅުވި އެވެ.
ސަރުކާރުން މިއަދު ވަނީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްބޭނުންވާ ސަބަބުތައްވެސް ހާމަ ކޮށްފައެވެ.
އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރަން ސަރުކާރުން ހުށަހަޅާ ފުރަތަމަ ސަބަބަކީ ސިޔާސީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދައި ދީ، އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ނެވެ.
ސަރުކާރުން މަޝްވަރާ ކުރުމަށް ހުށަހަޅާ ދެ ވަނަ ސަބަބަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ދުސްތޫރީ ނިޒާމަށާއި އަދި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރެމެވެ. އަދި ތިން ވަނަ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރާ ސަބަބަކީ ގައުމު ބިނާކުރުމަށްޓަކައި އަދި ގައުމާއި ރައްޔިތުންގެ ތަރައްގީ ގާއިމް ކުރުމެވެ.