18 May 2015, 17:33
ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން މާލޭގައި އިތުރު ޓާފް ދަނޑެއް ޤާއިމް ކުރުމަށްޓަކައި ކުޅިވަރު އެކުވެނީގެ ތިން ނަންބަރު ދަނޑު 50 އަހަރުގެ މުއްދަތަށް އެފްއޭއެމްއަށް ދޫކުރުމަށް އެފްއޭއެމްއާ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމްގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލެވެ. އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ އެއިދާރާގެ ނޮމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ، އިތުރު ޓާފް ދަނޑެއް މާލޭގައި ޤާއިމު ކުރުމުގެ ޝައުޤުވެރިކަން ހުރިކަން އެފްއޭއެމްއިން ސަރުކަރުގައި ދެންނެވުމުން ވިލިމާލެއާއި ހުޅުމާލޭގައި ތަންތަން ބަލާފައި މިވަގުތަށް އެންމެ ރަނގަޅު ސަރަހައްދަކީ ކުޅިވަރު އެކުވެނީގެ ތިން ނަންބަރު ދަނޑުކަމަށާއި އެހެންވެ 50 އަހަރަށް އެފްއޭއެމްއަށް އެދަނޑު ދޫކުރުމަށް ނިންމީ ކަމަށެވެ.
"އެބޭފުޅުން (އެފްއޭއެމް)ގެ ޒިންމާއެއް ހަތަރު ނަންބަރު އަދި ފަސް ނަންބަރު ދަނޑުގެ ފެންވަރަށް ތިން ނަންބަރު ދަނޑުވެސް ތަރައްޤީ ކުރުން" މިނިސްޓަރު މަލީހް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ، އެ ފެންވަރަށް ތިން ނަންބަރު ދަނޑު ތަރައްޤީ ކުރިނަމަވެސް އެދަނޑުގައި ޢާންމުނަށްވެސް ކުޅެވޭނެ ގޮތަށް ހަމަޖެއްސުމަށް އެފްއޭއެމްއާއެކު އެއްބަސްވެފައިވާނެ ކަމަށެވެ.

ކުޅިވަރު އެކުވެނީގެ ތިން ނަންބަރު ދަނޑުގައި ޓާފްދަނޑެއް ގާއިމްކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް އިން އެއްބަސްވުން ބަދަލުކުރަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވީ، ސަރުކާރާ މަޝްވަރާ ކުރުމަށްފަހު އެފްއޭއެމްއިން ނިންމާފައިވަނީ ގޯލް ޕްރޮޖެކްޓްގެ ދަށުން ފުޓްސަލް ދަނޑުތަކުގެ ބަދަލުގައި އެފްއޭއެމުން ތަރައްޤީ ކުރާނީ ބޮޑެތި ދަނޑުތައް ކަމަށާއި ސަބަބަކީ ސަރުކާރުން އެކުލަވާލާފައިވާ މެނިފެސްޓޯގެ ދަށުން ގިނަ ފުޓްސަލް ދަނޑުތަކެއް ޤާއިމް ކުރަމުން ގެންދާތީކަމަށެވެ.
ޝަވީދު ވިދާޅުވީ، އެކުވެނީގެ ތިން ނަންބަރު ދަނޑު ތަރައްޤީ ކުރުމަށް ފީފާއިން އޮތީ ބައިނަލްއަޤުވާމީ ޓެންޑާއަށް ހުޅުވާލާފައި ކަމަށާއި މިމަސްތެރޭ ޓެންޑާގެ މުއްދަތު ހަމަވުމުން މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
"ފީފާއިން އެއޮތީ އިންޓަނޭޝަނަލް ޓެންޑާއަށް ހުށަހަޅާފައި. އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގޮތުގައި މިމަސް ތެރޭގައި ޓެންޑާ ކްލޯސް ކުރާނެ. ކްލޯސް ކުރުމަށްފަހު ދެން މަސައްކަތް ފެށޭނެ. އަޅުގަނޑުމެންނަށް ދީފައި އޮތް ޑެޑްލައިންއަކީ ހަތަރު މަހާއި ފަސް މަހާއި ދޭތެރޭ އެ ދަނޑު އެޅޭނެކަމަށް،" ޝަވީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިމަސައްކަތަކީ ސަތޭކަ ޕަސަންޓް ފީފަގެ ބެލުމުގެ ދަށުން ހިނގާ މަސައްކަތެއް ކަމަށެވެ.
މިދަނޑު ތަރައްޤީ ކުރެވުމުން ކޮންމެ ދުވަހަކުވެސް ހަވީރު ހަތަރަކުން ހަޔަކަށް ހަމަޖެހިފައިވަނީ އެފްއޭއެމްގެ ބޭނުންތަކަށް ދޫކުރުމަށް ކަމަށާއި އެހެން ހުރިހާ ވަގުތެއްގައި ޢާންމުންނަށް އެ ދަނޑު ހުޅުވާލާނެ ކަމަށްވެސް ޝަވީދު ވިދާޅުވިއެވެ.